މި މާރޗުމަހު 7 އިން 12އަށް ޖަޕާނުގެ ކިޔޯޓޯގައި ބޭއްވެމުންދާ ކިޔޯޓޯ ކޮންގްރެސް (ދަ ޔުނައިޓެޑް ނޭޝަންސް ކޮންގްރެސް އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް)ގައި ބައިވެރިވެ ވަޑައިގަތުމަށް، ހޯމް މިނިސްޓަރ އިމްރާން އަބުދުﷲއާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ޖަޕާނަށް ވަޑައިގެންފިއެވެ. މައުލުމާތު ލިބިފައިވާ ގޮތުގައި، މިއަހަރުގެ މި ކޮންގްރެސްގައި ބައިވެރިވެ ވަޑައިގަތުމަށް މި ދެބޭފުޅުންގެ އިތުރުން ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުން ކަމުގައިވާ އަލީ ނަޒީރުގެ އާއި މުހައްމަދު މާހިރު ޢީސާވެސް ވަނީ ޖަޕާނަށް ވަޑައިގެންފައެވެ.
މި ކޮންގްރެސްއަކީ، 1955 ވަނަ އަހަރުން ފެށިގެން ކޮންމެ 5 އަހަރަކުން އެއްފަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުން އަންނަ ޚާއްސަ ބައްދަލުވުމެކެވެ. މި ކޮންގްރެސްގައި، ދުނިޔޭގެ އެކި ގައުމުތަކުން، ސިޔާސަތު ތަންފީޒު ކުރުމުގައި އިސްކޮށް ތިއްބަވާ ބޭފުޅުން އެއްތަނަކަށް އެއްވެ، ކުށްތައް މަދުކުރުމާއި، ޖިނާޢީ އަދުލުގެ ނިޒާމާގުޅޭގޮތުން ބަހުސްކޮށް، ޚިޔާލު ފާޅުކޮށް، ބައިނަލް އަގުވާމީ ފެންވަރުގައާއި އަދި ގައުމީ ފެންވަރުގައި ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތަކާ އަދި ޕްރޮފެޝަނަލް ޕްރެކްޓިސްއާއި ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ.
އެންމެ ފުރަތަމަ، 2020 ވަނަ އަހަރުގެ އެޕްރިލް މަހުގެ 20 އިން 27 އަށް ޖަޕާނުގައި ބޭއްވުމަށް ހަމަޖެހުނު މި ބައްދަލުވުން މިއަހަރަށް ލަސްކުރެވުނީ ދުނިޔެއަށް ކުރިމަތިވި ކޯވިޑް ކާރިސާއާއި ގުޅިގެންނެވެ. މިއަހަރު ބޭއްވިގެން މިދަނީ، "ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް"ގެ ޔޫއެންގެ 14 ވަނަ ކޮންގްރެސްއެވެ.
މި ކޮންގްރެސްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު މިދެބޭފުޅުން މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުކަމަށް މައުލޫމާތު ލިބިފައި ވެއެވެ.