ފިތުނައަކީ ބައިބައިވުން އުފައްދާ ޝައިޠާނީ ޢަމަލެއް. ދުރުހެލިވޭ: ޚުޠުބާ

ފިތުނައަކީ ބައިބައިވުން އުފައްދާ ޝައިޠާނީ ޢަމަލެއް. ދުރުހެލިވޭ: ޚުޠުބާ

ގުޅުންހުރި

ފިތުނަ އަކީ ދެކޮޅުވެރިކަމާއި، ބައިބައިވުން އުފެއްދުމަށް މަގު ފަހި ކުރުވާ ޝައިޠާނީ ޢަމަލެއްކަމަށް ވިދާޅުވެ، ފިތުނައިން ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތުގައި ދެއްވި ހުކުރު ޚުޠުބާގައި ވަނީ، އެންމެ ނުރައްކާތެރި ފިތުނަޔަކީ ދީނީ ފިތުނަކަމަށާއި، އެއީ ﷲ ގެ އަޅާއާ އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިޙާނު ކުރެވޭ ފިތުނަކަމަށް ވިދާޅުވެފައެވެ. މި އިމްތިޙާނު ގައި ފޭލްވާ މީހުން ފުރެދުމުގެ ތެރެއަށް ވެއްޓިގެން ދާކަމަށާއި، އެހެންކަމުން ފިތުނައަކާ ނުލައި، މަރުގެންނެވުމަށް އެދިވަޑައިގެން، ކީރިތި ރަސޫލާ މިފަދައިން ދުޢާ ކުރައްވާފައިވާކަމަށްވެސް ހުތުބާގައި ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ފިތުނަ އަކީ ހިތަށާއި، ސިކުނޑިއަށް ޖެހޭ މުޞީބާތެއްކަމަށް ބަޔާންކޮށް އޭގެ ސަބަބުން ކެތްތެރީން ވެސް އާވާރާވެ، މަގުއޮޅިދާކަމަށް ވިދާޅުވިއެވެ. ފިތުނައިގެ ސަބަބުން ކިތައް މީހުން ޙައްޤުން އެއްކިބާވެ، ހަލާކުވެ ގޮސްފައި ވޭތޯ ސުވާލުކުރައްވަމުން ވިދާޅުވީ، ފިތުނަ އަކީ ދެކޮޅުވެރިކަމާއި، ބައިބައިވުން އުފެއްދުމަށް މަގު ފަހި ކުރުވާ ޝައިޠާނީ ޢަމަލެއްކަމަށެވެ.

ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ، މީހުން ރުޅި އަރުވައި، ފިތުނައިގެ ހުޅު ރޯކުރުމަށް  ބޭނުން ކުރެވޭ އެންމެ ބާރުގަދަ ވަސީލަތެވެ. ދޮގު ވާހަކަތައް ފެތުރުނަ ނުދިނުމަށް، ޚަބަރު ފަތުރާ ވަސީލަތްތަކަށް މުހިއްމު ދައުރެއް އަދާކުރެވިދާނެއެވެ. ޚަބަރުގެ ދޮގު ތެދު ބެލުމަށް އިސްކަން ދޭން ޖެހޭނެ އެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤުކު ޚަބަރަކާއިގެން އަތުވެއްޖެ ނަމަ، އޭގެ ދޮގުތެދު ބަލައި، ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގި ތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީ އެވެ. ފަހެ، އެހެން ވެއްޖެ ނަމަ، ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވެދާނެތެވެ."

– ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ފިތުނައިން ސަލާމަތް ވެވޭނީ ހަމަބުއްދި ރަނގަޅު ގޮތް ދެނެގަނެ، އެއަށް ތަބާވެގެންކަމަށާއި، ޤައުމެއްގައި، ޞައްޙަ ތެދު މަޢުލޫމާތާއި ހުނަރު ފެތުރިއްޖެ ނަމަ، އެ ޤައުމެއް ކުރިއަރާނެކަމަށް ވިދާޅުވިއެވެ. އަދި ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ޤަދަރާއި ޢިއްޒަތް އުފުލޭނެކަމަށާއި، އެކަމަކު ނަބަވީ ހިދާޔަތާއި، ޝަރްޢީ މިންގަޑު ކަމުގައިވާ ދީނުގެ މެދުމިނުން ކައްސާލައިފި ނަމަ، ހައްދު ފަހަނަޅާފައިވާ ޚިޔާލުތަކުގެ ދަލުގައި ޖެހި، ފިތުނައިގެ ކަނޑަށް ޣަރަޤުވެދާނެކަމަށްވެސް ޚުޠުބާގައި ގޮވާލެއްވިއެވެ.

ހިތް އުފާ ކޮއްލުމަށާއި، ޖިސްމާނީ ދުޅަހެޔޮކަމަށް ކުޅިވަރު ކުޅުމަކީ ވަކި ޙުދޫދެއްގެ ތެރޭގައި ދީން ހުއްދަ ކުރާ ކަމެކެވެ. ނަމަވެސް ކުޅިވަރާއި މަޖަލުގައި ޣާފިލުވެ، ތިމާގެ މައްޗަށް ﷲ ވާޖިބު ކުރައްވާފައިވާ ޙައްޤުތަކުގެ މަތިން ހަނދާން ނެތިފައި ވަނީ ކިތައް މީހުން ހެއްޔެވެ؟ ރަޙިމުގެ ގުޅުންތަކުގެ މަތިން ހަނދުމަހުރީ ކިތައް މީހުން ހެއްޔެވެ؟ އެއްވެސް ކަމެއްގައި ހައްދުފަހަނަޅައި ދިއުމަކީ ހުއްދަކަމެއް ނޫނެވެ. ޝައިޠާނާ އަބަދު ވެސް މަސައްކަތް ކުރަނީ، ކުޅިވަރާއި މަޖަލުގައި މީސްތަކުން މަޝްއޫލުކޮށް، ﷲ މަތިން ޣާފިލު ކުރުމަށެވެ.

މިއަދު ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ދެއްވި ޚުޠުބާގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ