ދެވަނަ ބޮޑު ހަގުރާމައިގެ ތެރޭގައި، އިގިރޭސިވިލާތުގެ ބޮޑުވަޒީރު ވިންސްޓަން ޗާޗިލް އެމެރިކާގެ އޭރުގެ ރައީސް ފްރޭންކްލިން ޑީ ރޫޒްވެލްޓަށް ހަދިޔާއަކަށް އަރުވާފައިވާ، ވަރަށް މަދުން ނޫނީ ނުފެންނަ، ޗާޗިލްގެ އަތު ކުރެހުމެއް ރޮކޯޑް އަދަދަކަށް ނީލަމުގައި ވިއްކާލައިފިއެވެ. މި ކުރެހުމަކީ، އެމެރިކާގެ މަޝްހޫރު އަންހެން އެކްޓަރ އެންޖެލީނާ ޖޯލީގެ ކުރެހުމެކެވެ.
މިކުރެހުން މިހާރު ވެގެން ގޮސްފައިވަނީ، ނީލަމެއްގައި ވިއްކާލާފައިވާ، އިގިރޭސި ކުރީގެ ބޮޑުވަޒީރު ވިންސްޓަން ޗާޗިލްގެ އެންމެ އަގުބޮޑު ކުރެހުމަށެވެ. ކުރެހުން ނީލަމުގައި ވިއްކާލާފައިވާ އަގަކީ ހުރިހާ ފީތަކެއް ކެޑުމަށްފަހު 11.5 މިލިއަން ޑޮލަރަށެވެ.

މާރޗް 1 ވަނަދުވަހު އެންޖެލީނާ ޖޯލީގެ ފެމިލީ ކަލެކްޝަންގެ ފަރާތުން ނީލަމުގައި ވިއްކާލާފައިވާ، "ޓަވަރ އޮފް ޚުތޫބިއާ މޮސްކް"ގެ ނަމުން ނަންދެވިފައިވާ މިކުރެހުމުން ތަސްވީރު ކޮށްދެނީ، މޮރޮކޯގެ މައްރާކެޗް ސިޓީގެ އިރުގެ އަލިން ދިއްލިފައިވާ މިސްކިތުގެ މުއްޓާއި އަދި އިމާރާތުގެ އެކި ބައިތަކަށް އިރުގެ އަލި އެޅުމުން ފެންނާން ހުރި ދިގު ހިޔަނިތަކެވެ. އަދި މިއީ ޗާޗިލްގެ ކުރެހުންތަކުގެ ތެރެއިން އޭނާ އެންމެ ޝައުގުވެރިކަމާއެކު ކުރައްސަވަފައިވާ މަންޒަރެވެ.
"ޗާޗިލް އެންމެ ފުރަތަމަ މޮރޮކޯއަށް ޒިޔާރަތް ކުރައްވާފައިވަނީ 1935 ވަނަ އަހަރު، އަދި އެދަތުރުފުޅުގައި ޗާޗިލް، ޒިޔާރަތްކުރެއްވި ސިޓީއަށް އިރު އޮއްސޭވަގުތު ދީފައި ހުރި އިރުގެ އަލި ފެނިވަޑައިގެންފައި ވަރަށް ގަޔާވި،" ލަންޑަނުގެ ކްރިސްޓީގައި ހުންނަ މޮޑާން ބްރިޓިޝް އާރޓްގެ އިސްވެރިޔާ ނިކް އިޗާރޑް ވިދާޅުވިއެވެ. "އޭނާ ދެކެވަޑައިގެންފައިވާ ގޮތުގައި، ކުރައްސަވާފައިވާ މޮރޮކޯގެ މި ކުރެހުމަކީ ކުރެއްސެވި އެންމެ ފުރިހަމަ ކުރެހުން."
މި ކުރެހުން ނީލަމުގައި ވިއްކާލެވިފައިވަނީ، ކުރިން ލަފާކުރެވިފައިވާ އަގު ކަމުގައިވާ 3.5 މިލިއަން ޑޮލަރަށްވުރެ 3 ގުނަ އަގު ބޮޑުކޮށްނެވެ. މިހާތަނަށް ޗާޗިލްގެ ކުރެހުމެއް އެންމެ އަގުބޮޑުކޮށް ވިކިގެން ގޮސްފައިވަނީ، 2014 ވަނަ އަހަރު ލަންޑަނުގެ ސޯތެބީސްގައި 2.7 މިލިއަން ޑޮލަރަށެވެ.
ނީލަމުގައި މި ކުރެހުން ވިއްކާލުމަށް ކުރެވުނު މުއާމަލާތާ ގުޅުންހުރި މައުލޫމާތު އެގޭ ފަރާތަކުން މީޑިއާތަކަށް މައުލުމާތު ދީފައިވާ ގޮތުގައި، ޗާޗިލް ކުރައްސަވާފައިވާ އިރުއޮއްސޭ މަންޒަރު ސިފަކޮށްދޭ މިކުރެހުމަކީ ފިލްމީ ތަރި ބްރެޑް ޕިޓް 2011 ވަނަ އަހަރު ބައްލަވައި ގަތުމަށްފަހު އެކްޓަރ އެންޖެލީނާ ޖޯލީއަށް ހަދިޔާއަކަށް ދީފައިވާ ކުރެހުމެކެވެ.
ދެއަހަރު ދުވަސް ވަންދެން ކައިވެނި ކޮށްގެން އުޅުމަށްފަހު މި ދެތަރިން ވަރިވެފައިވަނީ 2016 ވަނަ އަހަރުއެވެ.

"ޓަވަރ އޮފް ޚުތޫބިއާ މޮސްކް"ގެ ކުރެހުމަކީ، ދެވަނަ ބޮޑު ހަގުރާމައިގެ ތެރޭގައި، 1939 އިން 1945 އާއި ދެމެދު ވިންސްޓަން ޗާޗިލް ކުރައްސަވާފައިވާ ހަމައެކަނި ކުރެހުމެވެ.
1945ގެ ޖެނުއަރީމަހު، އެމެރިކާގެ އޭރުގެ ރައީ ރޫޒްވެލްޓާއެކު، ޖަރުމަނުގެ ނާޒީންނާ ދެކޮޅަށް ކުރިޔަށް ގެންދާނެ ހަރަކާތްތައް ރޭވުމާ ގުޅޭގޮތުން މޮރޮކޯގައި އޮތް، ކަސަބުލަނަކާ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު، ކައިރީގައި އޮތް މައްރަކެޗް ސިޓީގައިވާ، އެޓްލާސް ފަރުބަދަތަކުގެ އަނެއްފަރާތައް އިރުއޮއްސޭ މަންޒަރު ދެކިލުމަށް އެކީގައި ވަޑައިގަތުމަށް ޗާޗިލް ރޫޒްވެލްޓަށް ދައުވަތު ދިނެވެ.
މި ކުރެހުމަކީ، ރޫޒްވެލްޓް އަނެއްދުވަހު ފުރާވަޑައިގަތުމާއެކު، މިދެބޭފުޅުން އެކީގައި ހޭދަ ކުރެއްވި މިވަގުތު ކޮޅު ސިފަކޮށް، އޭގެ އަނެއްދުވަހު ޗާޗިލް ކުރައްސަވާފައިވާ އަތު ކުރެހުމެކެވެ.
މޮރޮކޯގައި ބޭއްވުނު ކަސަބްލަންކާ ކޮންފަރެންސަށްފަހު، މި ދެ ލީޑަރުން ވަނީ، އެއްވެސް ޝަރުތަކާނުލާ، އަމާން ދިނުމަށް ޖަރުމަނުވިލާތާއި، އިޓަލީ އަދި ޖަޕާނަށް ގޮވާލާފައެވެ. އަދި މި ކޮންފަރެންސްގައި މިދެބޭފުޅުން އެއްބަވި ޑެކްލަރޭޝަން ވެގެންދިޔައީ، ދެވަނަ ބޮޑުހަގުރާމައަށް ބޮޑެތި އަސަރުތަކެއް ކުރުވި ޑެކްލަރޭޝަންއަކަށެވެ.

ފިލްމީ ތަރި ޕިޓް މިކުރެހުން ބައްލަވައިގެންފައިވަނީ، ތާރީޚީ ތަކެއްޗާއި ކުރެހުންތަކުގެ ޑީލަރެއް ކަމުގައިވާ ބިލް ރައު ކިޔާމީގެއްގެ އަތުންނެވެ. ބިލް ރައު ކުރިން ސީއެންއެންއަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ކުރެހުމަކީ، ވިންސްޓަން ޗާޗިލްގެ ދަރިފުޅު 1960 ވަނަ އަހަރު، ފިލްމު އުފައްދާ މީހަކަށް ވިއްކާލާފައިވާ ކުރެހުމެކެވެ. ރައު ކިޔައިދީފައިވާ ގޮތުގައި، މި ކުރެހުން 50 ވަރަކަށް އަހަރު ވަންދެން، ފަހުން ބެހެއްޓިފައި ހުރީ އެމެރިކާގެ ސިޓީއެއް ކަމުގައިވާ ނިއު އޯލީންސްގައި ދިރިއުޅު އައިލާއެއްގެ ގޭގެ އަލަމާރީގައެވެ. އަދި އެންމެފަހުން، އޭނާގެ ގެލެރީއާއި ހަމައަށް މި ފޮޓޯ ފޯރުކޮށްދިނީ މިއާއިލާގެ މީހެއްކަމުގައި ރައު ކިޔައި ދީފައި ވެއެވެ.
އިގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު، ވިންސްޓަން ޗާޗިލް އަކީ ފުރާވަރަށް، 40 އަހަރަށް އައިގެން އައިއިރު، ވަރަށް ރަގަޅަށް ކުރައްސަވާ ބޭފުޅެކެވެ. އޭނާގެ ހަޔާތުގައި 500 ވަރަކަށް ކުރެހުން ކުރައްސަވާފައި ވެއެވެ.
ކޮމެންޓު ފޮނުވާ