އިޓަލީން ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއަށް ކަޑައަޅާފައި ހުންނަވާ ސަފީރު ލޫކާ އަޓަނާސިއޯ އަވަހާރަ ކޮށްލުމުގެ ފަހަތުގައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ރުވާންޑާގެ ހޫޓޫ ހަގުރާމަވެރިން ދެކޮޅު ހަދައިފިއެވެ.
މި ތުހުމަތުތަކަށް އިންކާރުކުރަމުން، ވަކިވެގަތުމަށް މަސައްކަތް ކުރަމުންދާ ހޫޓޫ ހަގުރާމަވެރިން ބުނެފައިވަނީ، ސަފީރު އަވަހާރަ ކޮށްލުމުގެ ފަހަތުގައި ވަނީ، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއާއި އަދި ރުވާންޑާގެ ސިފައިން ކަމުގައެވެ.
މި ހާދިސާއަށްފަހު، އިޓަލީގެ އަސްކަރީ ސިފައިންގެ ޔުނިޓެއް، މިހާދިސާ ތަހުގީގު ކުރުމަށް އަންގާރަ ދުވަހު ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
އިޓަލީން ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއަށް ކަޑައަޅާފައި ހުންނަވާ ސަފީރު އަވަހާރަވެފައި ވަނީ، ހޯމަ ދުވަހު، ވާލްޑް ފުޑް ޕްރޮގްރާމް (WFP)ގެ ގާފިލާއަކާއެކު، އެގައުމުގެ އިރުމަތީ ސިޓީއެއްކަމުގައިވާ، ގޯމާއަށް ފީލްޑް ޓްރިޕެއްގައި ވަޑައިގެން އުޅުއްވަނިކޮށް، އެކީ ދަތުރުކުރި ގާފިލާއަށް ބަޔަކުން ބަޑިން ދިން ހަމަލާއެއްގައި ޒަޚަމްވެ ވަޑައިގެން، ޒަޚަމްތަކަށް ފަރުވާ ދެވެމުން ދަނިކޮށެވެ.
އިޓަލީގެ ފޮރިންމިނިސްޓްން ބުނެގައިވަނީ، މިހަމަލާގައި ސަފީރުއާއެކީ ދަތުރު ކުރަމުންދިޔަ، އިޓަލީގެ ފުލުހެއް ކަމުގައިވާ، ވިއްޓޯރިއޯ އިއިކޯވަސީއާއި އަދި ޑްރައިވަރުވެސް މަރުވެފައިވާ ކަމުގައެވެ. އެހެންމަވެސް، މަރުވެފައިވާ ޑްރައިވަރުގެ ވަނަވަރެއް އިޓަލީގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.
ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިންޓީރިއަރ މިނިސްޓްރީން ވަނީ، މި ހަމަލާގެ ޒިންމާ، ޑިމޮކްރަޓިކް ފޯރސް ފޯރ ދަ ލިބަރޭޝަން އޮފް ރުވާންޑާ [FDLR]ގެ ބޮލުގައި އަޅުވާފައެވެ. [FDLR] އަކީ ބައި ގަރުނު ވަންދެން ރުވާންޑާ އަދި ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ ހިމެނޭ ސަރަހައްދުގައި ހަގުރާމަ ކުރަމުންދާ ހޫޓޫ ހަގުރާމަވެރިންނަށް ނިސްބަތްވާ ޖަމާއަތެކެވެ.
އެހެންނަމަވެސް އަންގާރަ ދުވަހު، މީޑިއާތަކަށް ފޮނުވާފައިވާ ބަޔާނެއްގައި ޑިމޮކްރަޓިކް ފޯރސް ފޯރ ދަ ލިބަރޭޝަން އޮފް ރުވާންޑާ [FDLR]އިން ވަނީ މިތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.
އެބަޔާނުގައި ޑިމޮކްރަޓިކް ފޯރސް ފޯރ ދަ ލިބަރޭޝަން އޮފް ރުވާންޑާ [FDLR]އިން ބުނެފައިވަނީ، ސަފީރު ދަތުރު ކުރައްވަމުން ގެންދެވި ގާފިލާއަށް ހަމަލާ ދީފައިވަނީ، ރުވާންޑާގެ ބޯޑަރު ކައިރިން ކަމަށާއި، މިއީ ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އަސްކަރިއްޔާއާއި އަދި ރުވާންޑާގެ ސިފައިން ހަރަކާތްތެރި ވަމުންދާ ސަރަހައްދެއް ކަމުގައެވެ.
އިޓަލީގެ ފޮރިންގ މިނިސްޓްރީގެ ވެބްސައިޓުގައި ވާގޮތުން، ލޫކާ އަޓަނާސިއޯއަކީ، 2017 ވަނަ އަހަރުން ފެށިގެން، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހުންނަ އިޓަލީގެ މިޝަންގެ އެންމެ އިސްވެރިއާގެ ގޮތުގައި ހުންނަވާ ބެފުޅާއެވެ. އަދި އޭނާއަކީ އިޓަލީން އެގައުމަށް ކަޑައަޅާފައި ހުންނަ ސަފީރުކަމުގައި ހަމަޖައްސަވާފައިވަނީ 2019 ވަނަ އަހަރުން ފެށިގެންނެވެ.
ރުވާންޑާ އަދި ޔޫގެންޑާގެ ބޯޑަރާ އިންވެގެން އޮންނަ، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ވިރުންގާ ސްޓޭޓް ހިމެނޭ ސަރަހައްދަކީ ގިނައަދަދެއްގެ ހަގުރާމަވެރިން އަބަދުވެސް ހަރަކާތްތެރިވާ ސަރަހައްދެކެވެ.