ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ އަށް ކަޑައަޅާފައި ހުންނަ އިޓަލީގެ އެމްބެސްޑަރ މަރާލައިފި

ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ އަށް ކަޑައަޅާފައި ހުންނަ އިޓަލީގެ އެމްބެސްޑަރ މަރާލައިފި

Author
ހުސެއިން
22 ފެބްރުއަރީ 2021 05:25
0

ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިރުމަތީ ސަރަހައްދުގައި ދަތުރުކުރަމުން ދިޔަ ޔޫއެންގެ ކޮންވޯއިއަށް ހަގުރާމަވެރިން ދިން ހަމަލާއެއްގައި އިޓަލީއިން އެގައުމަށް ކަޑައަޅާފައި ހުންނަ އެމްބެސެޑަރ މަރާލައިފިއެވެ.

އަދި މިހަމަލާގައި، އެމްބެސެޑަރއާއެކު ދަތުރުކުރަމުން ދިޔަ މިލިޓަރީ ފުލުހުންގެ މީހަކުވެސް މަރުވެފައިވާ ކަމަށް، އިޓަލީގެ ފޮރިންގ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ އެމްބެސެޑަރ ދަތުރު ކުރައްވަމުން ގެންދެވި ގާފިލާއަށް ހަމަލާ ދީފައިވަނީ، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ކަންޔަމަހޮރޯ ނަމަކިޔާ އަވަށުގެ ކައިރިން ދަތުރު ކޮށްފައި ދަނިކޮށް ހެދުނު ގަޑިން 10:15 ގައެވެ. އަދި ހަމަލާ ދިން މީހުން މަސައްކަތް ކޮށްފައިވަނީ މި ގާފިލާގައި ދަތުރުކުރަމުން ދިޔަ މީހުން ރަހީން ކުރުމަށް ކަމަށްވެސް މީޑައާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

"އިޓަލީގެ އެމްބެސެޑަރ ލޫކާ އަޓަނާސިއޯއާއި އަދި އޭނާއާއެކީ ދަތުރު ކުރަމުންދިޔަ މިލިޓަރީ ފުލުހަކު ވަނީ މަރާލާފައި،" އިޓަލީގެ ފޮރިންގ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

މިހާތަނަށް އައިއިރު، މިހަލަގެ ފަހަތުގައި ތިބީ ކޮންބައެއް ކަމެއް ސާފުވެފައެއް ނުވެއެވެ. އަދި މިހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

"ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއަށް އިޓަލީން ކަޑައަޅާފައި ހުން ސަފީރު ލޫކާ އަޓަނާސިއޯއާއި އަދި އެކީގައި ދަތުރުކުރަމުން ދިޔަ މިލިޓަރީ ފުލުހަކު މަރުވެފައިވާ ކަން ވަރަށް ހިތާމައާއެކު ޔަގީން ކޮށްދެން،" އިޓަލީގެ ފޮރިންގ މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

"ސަފީރުއާއި އަދި ފުލުސް މީހާ ދަތުރު ކުރަމުން ދިޔައީ، 'ދަ ޔުނައިޓެޑް ނޭޝަންސް އޯގަނިޒޭޝަން ސްޓޭބިލައިޒޭޝަން އިން ދަ ޑީމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ' (MONUSCO)ގެ ގާފިލާއެއްގައި ދަތުރުކުރަމުން ދިޔަ ކާރެއްގައި." މި ބަޔާނުގައި ބުނެފައި ވެއެވެ.

އިޓަލީގެ ފޮރިންގ މިނިސްޓްރީގެ ވެބްސައިޓުގައި ވާގޮތުން، ލޫކާ އަޓަނާސިއޯއަކީ، 2017 ވަނަ އަހަރުން ފެށިގެން، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހުންނަ އިޓަލީގެ މިޝަންގެ އެންމެ އިސްވެރިއާގެ ގޮތުގައި ހުންނަވާ ބެފުޅާއެވެ. އަދި އޭނާއަކީ އިޓަލީން އެގައުމަށް ކަޑައަޅާފައި ހުންނަ ސަފީރުކަމުގައި ހަމަޖައްސަވާފައިވަނީ 2019 ވަނަ އަހަރުން ފެށިގެންނެވެ.

ރުވާންޑާ އަދި ޔޫގެންޑާގެ ބޯޑަރާ އިންވެގެން އޮންނަ، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ވިރުންގާ ސްޓޭޓް ހިމެނޭ ސަރަހައްދަކީ ގިނައަދަދެއްގެ ހަގުރާމަވެރިން އަބަދުވެސް ހަރަކާތްތެރިވާ ސަރަހައްދެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.