މަސައްކަތް ނިމި ސިނަމާއާހަމައަށް ނައިސް ހުރި ގިނަ ފިލްމުތަކެއް އަޅުވާނެ ތާރީހްތަށް ފައިނަލް ކުރަން ފެށުމުން މުނިފޫހިފިލުވުމުގެ އިންޑަސްޓްރީ ހާއްސަކޮށް ސިނަމާތަކުގެ ވިޔަފާރި ހިންގާ ފަރާތްތަކުން ގެންދަނީ އެކަމާ ހިތްހަމަޖެހުން ފާޅުކުރަމުންނެވެ.
މަސައްކަތް ނިންމާފައި ހުރި ގިނަ ފިލްމުތަކެއް ސިނަމާއަށް ގެންނާނެ ތާރީހް ފިލްމުތަކުގެ ޕްރޮޑިއުސަރުން އާންމުކުރަމުންދާއިރު ކަރަން ޖޯހަރު ވަނީ އޭނާ ޕްރޮޑިއުސްކުރި ފިލްމް "ޝެރްޝާހް" ސިނަމާގައި އަޅުވާނެ ތާރީހް މިހާރު އާންމުކޮށްފަ އެވެ.
ސިދްހާތު މަލްހޯތުރާ އާއި ކައިރާ އަދްވާނީ ލީޑުން ފެނިގެންދާ މި ފިލްމަކީ 1999 ވަނަ އަހަރުގެ ކާގިލް ހަނގުރާމާގައި ޝަހީދުވި އިންޑިއާގެ ކެޕްޓަން ވިކްރަމް ބަޓްރާގެ ހަޔާތުގެ މައްޗަށް ހަދާފައި ވާ ފިލްމެކެވެ.
ވިޝްނު ވަރްދަނާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުން ސިދްހާތު ކެޕްޓަން ބަޓްރާގެ ރޯލުން ފެންނައިރު ކައިރާ ފެނިގެންދާނީ އޭނާގެ ލޯބިވެރިޔާގެ ރޯލުންނެވެ.
ފިލްމު ސިނަމާތަކުގައި އަޅުވާނީ ޖުލައި މަހުގެ 2 ވަަދުވަހު އެވެ.
ކޮމެންޓު ފޮނުވާ