ރައީސް ޔާމިންގެ ޝަރީޢަތުގެ އަޑުއެހުން ކެންސަލްކޮށްފި

ރައީސް ޔާމިންގެ ޝަރީޢަތުގެ އަޑުއެހުން ކެންސަލްކޮށްފި

Author
ޢަލީ އާދަމް
15 ފެބްރުއަރީ 2021 12:05
0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް އަޑުއެހުން ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ މިއަޑުއެހުން ކެންސަލްކުރީ ރައީސް ޔާމިންގެ ފަރާތްޕުޅުން އަޑުއެހުން ކެންސަލްކޮށްދިނުމަށް އެދިވަޑައިގެންފައި ވާތީ ކަމަށެވެ. އެގޮތުން ރައީސް ޔާމީން އެދިވަޑައިގަތީ މާލެ ސަރަހައްދުގައި މި ދުވަސްވަރު ކޯވިޑް-19 ގެ ހާލަތު އަނެއްކާވެސް ގޯސްވެފައިވާތީ އާއި މިއަދު ޝަރީއަތަށް ހާޒިރުވާން ދަތިފުޅުވާތީ ޝަރީއަތް ކެންސަލް ކޮށްދިނުމަށެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މިހާލަތުގައި ކޯޓަށް ހާޒިރުކޮށްގެން ރައީސްޔާމިންގެ ޝަރީޢަތް ގެންދިއުމަށް ދައުލަތުން މަސައްކަތްކުރާކަމަށް ތުރުމަތުކޮށް އެކަން ވަނީ ކުއްވެރި ކުރައްވާފައެވެ. އެގޮތުން މިހާލަތުގައި އެމަނިކުފާނު ކޯޓަށް ހާޒިރުކޮށްގެން ޝަރީއަތްތައް ކުރިޔަށް ގެންދިއުމަކީ އެމަނިކުފާނުގެ ފުރާނަ ނުރައްކަލަކަށް ހުށައެޅިގެން ދާނެ ކަމެއް ކަމަށް ވަކީލުން ފާހަގަކުރެއްވިއެވެ.

އެންމެފަހުން މި މައްސަލައިގައި އަޑުއެހުމެއް ބާއްވާފައިވަނީ، ނިމުނު ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އަށް ރައީސް ޔާމިން ވަނީ އިންކާރު ކުރައްވާފައެވެ.

އެދުވަހުގެ އަޑުއެހުމުގައި މި ދެ ދައުވާއަށް އިންކާރު ކުރާ ސަބަބުތަކުގެ ތެރޭގައި އެންމެ ފުރަތަމަ ކަމަކަށް ދައުވާ އަކީ ކޮބައިކަމާއި ދައުވާ އާއި ގުޅިގެން ވަރަށް ގިނަ ކަންކަން ސާފު ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ސިޔާސީ ހަސަދައެއް ފިލުވައިލުމަށް ރާވައިގެން ކޮށްފައިވާ ދައުވާއެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ފުއްގިރި މައްސަލާގައި ރިޝްވަތު ދިން ކަމަށް ދައުލަތުން ތުހުމަތުކުރާ ކްރިކް ރިޒާގެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުން ދާއިރު، އެ މައްސަލަ ސާބިތު ނުވަނީސް އެ މަނިކުފާނުގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ކްރިކްގެ މައްޗަށް އެ ދައުވާ ސާބިތު ނުވެއްޖެ ނަމަ، އެ މަނިކުފާނަށް ދައުވާކުރާ އަސާސް ގެއްލޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މަނީ ލޯންޑްރިިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކުރިން ކޮށްފައިވާ ހުކުމް ހައި ކޯޓުން ދާދިފަހުން ވަނީ ދަމަހައްޓައިފަ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ޔާމީންގެ ވަކީލުން ގެންދަވަނީ ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.