މާލޭގައި މޯބައިލް ވެކްސިނޭޝަންގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ.
އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ރެޑް ކްރެސެންޓުގެ ސެކެޓްރީ ޖެނެރަލް ފާޠިމަތު ހިމްޔާ ވިދާޅުވީ، ރާއްޖޭގައި މޯބައިލް ވެކްސިނޭޝަންގެ ޚިދުމަތް ތަޢާރަފުކޮށްފައިވަނީ އެޗް.ޕީ.އޭއާއި، ދަމަނަވެއްޓާއި، ދިވެހި ރެޑް ކްރެސެންޓް ގުޅިގެންކަމަށެވެ. އެގޮތުން ރެޑް ކްރެސެންޓުންގެ ޓީމްތައް ގޭގައަށްގޮސް ޢުމުރުން ދުވަސްވީ މީހުންނަށާއި، އެނދުމަތިވެފައިވާ މީހުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މި ޚިދުމަތަށް ރަޖިސްޓްރީވާން ޖެހޭނީ ދަމަނަވެށި މެދުވެރިކޮށްކަމަށް އޭނާ ވިދާޅުވިއެވެ.
މި ޚިދުމަތް ކުރިއަށް މިދަނީ ޢުމުރުން ދުވަސްވީ އަދި އެނދުމަތިވެފައިވާ ފަރާތްކަށް ގޭގެއަށް ގޮސް ވެކްސިން ޖަހައިދީގެން. މީގައި އަޅުގަނޑުމެން މި އަދާކޮށްދޭ ދައުރަކީ އަޅުގަނޑުމެންގެ ވެހިކަލް ސަރވިސްއާއި، ޕޭޝަންޓް ޓްރާންސްޕޯޓް ޓީމްގެ ދަރުމަވެރިން ފޯރުކޮށްދޭ އެހީތެރިކަން
– ދިވެހި ރެޑް ކްރެސެންޓުގެ ސެކެޓްރީ ޖެނެރަލް ފާޠިމަތު ހިމްޔާ
އޭނާ ވިދާޅުވީ، މާލޭ ސަރަޙައްދުގައި ވެކްސިންގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެ ޖަމްޢިއްޔާގެ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށާއި، މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ރެޑް ކްރެސެންޓްގެ ދަރުމަވެރިން ސޯޝަލް ސެންޓަރުގައި ރަޖިސްޓްރޭޝަންގެ ކަންކަމުގައާއި ޢުއުމުރުން ދުވަސްވީ މީހުންނާއި އެކި ބަލިތަކަށް ފަރުވާކުރާ މީހުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި ދިމާވެދާނެ އެމަރޖެންސީ ޙާލަތަކަށް ތައްޔާރުވުމުގެގޮތުން އެމްބިއުލާންސްގެ ޚިދުމަތްވެސް ފޯރުކޮށްދެމުންދާކަމަށްވެސް ހިމްޔާ ވިދާޅުވިއެވެ.
މާލޭގެ އިތުރުން އަތޮޅުތަކުގެ ބައެއް ރަށްރަށުގައި، އެ ރަށްރަށުގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުން އަންނަނީ ގޭގެއަށް ޒިޔާރަތްކޮށް، ގޭބިސީތަކުގައި ދިރިއުޅޭ ޢުމުރުން ދުވަސްވީ މީހުންނާއި، އެނދުމަތިވެފައިވާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް އެނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޯވިޑް ވެކްސިން ދޭން ފަށާފައިވާއިރު، މިހާތަނަށް 38،000 ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ.
ކޮމެންޓު ފޮނުވާ