ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޕްރެޒިޑެންޝަލް ސެކޭޓްރިއޭޓު އެންޑް ޕްރޮޓޮކޯލުގެ މަޤާމުގައި ސްޓޭޓު މިނިސްޓަރުގެ ފެންވަރުގައި ހުންނެވި އެމަނިކުފާނުގެ ކޮއްކޯފުޅު ފާޠިމަތު މުޙައްމަދު ޞާލިޙުގ (ފާތޭ)ގެ މާލީ ބަޔާން ވެބްސައިޓުން ނަގައި، އާ ބަޔާނެއް އާންމު ކުރަން ޖެހުނީ އޮޅުންތަކެއް ހުރުމުންްކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން އާންމުރަމުން ގެންދާއިރު، ރައީސް އޮފީހުގައި ގިނަ އަހަރުތަކެއް ހިދުމަތްކުރައްވާ އަދި މިހާރު އެ ޚިދުމަތުގައި ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ޞަލިޙްގެ ކޮއްކޯފުޅުގެ މާލީ ބަޔާން ކުރިން ޢާންމުކުރިއިރު ކަމަނާގެ މިލްކިއްޔާތުގައި ހުރި މުދަލުގެ ތެރޭގައި 20 މިލިއަން ރުފިޔާގެ އަގުހުރި އިމާރާތެއް ހިމެނެއެވެ. އަދި ބޭންކު އެކައުންޓުގައި 700،000.00 (ހަތް ލައްކަ) ދިވެހި ރުފިޔާ ހުރިކަމަށްވެސް ކުރީގެ މާލީ ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް އެ ބަޔާން ނެގުމަށްފަހު އަލުން ޢާންމުކުރި ބަޔާނުގައި، އެކަމާނާގެ މިލްކިއްޔާތުގައި 20 މިލިއަން ރުފިޔާގެ އިމާރާތެއްވެސް އަދި އެހެން މުދަލެއްވެސް މިހާރު ނެތެވެ. މީގެ އިތުރުން އެކައުންޓުގައި ކުރި ހުރި ކަމަށް ދެއްކި 7 ލައްކަ ރުފިޔާވެސް މިހާރު ނެތެވެ.
ރައީސް އޮފީހުން ބުނީ، ފާޠިމަތު މުޙައްމަދު ޞާލިޙުގެ މާލީ ބަޔާން ފޯމް އެންޓަރ ކުރުމުގައި ދިމާވެފައިވާ އޮޅުމެއްގެ ސަބަބުންކަމަށާއި، އެ ފޯމުގައި ބަޔާންކުރާ އާމްދަނީއާއި، މުދަލާއި، ފައިސާ، އަދި ލޯނުގެ ބައިގައި އެކަމަނާގެ މަޢުލޫމާތުގެ ބަދަލުގައި، ފިރިކަލުން އަލްމަރުޙޫމް އިސްމާޢީލް ފިރާޤުގެ ބޭންކް އެކައުންޓުގައި ހުރި 700,000 (ހަތް ލައްކަ) ރުފިޔާ އަދި އިމާރާތުގެ އަގުގެ ގޮތުގައި 20 މިލިއަން ރުފިޔާގެ މަޢުލޫމާތު އެކުލަވައިލެވިފައިވާކަން 11 ފެބުރުވަރީ 2021 ގައި ވަނީ ފާހަގަކުރެވިފައިވާކަމަށެވެ.
އެހެންކަމުން، އެކަމަނާގެ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޮފިޝަލް ވެބްސައިޓަށް އަލުން އަޕްލޯޑް ކޮށްފައިވަނީ އެ ކަންކަން އިސްލާޙު ކުރުމަށްފަހުގައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން މިހާރު އާންމުކޮށްފައިވާ މާލީ ބަޔާނުގައިވާ ގޮތުގައި ފާޠިމަތު މުޙައްމަދު ޞާލިޙްގެ މިލްކިއްޔާތުގައި އެއްވެސް މުދަލެއްނެތެވެ. އަދި އޭނާގެ އެސްބީއައިގައިވާ އެކައުންޓެއްގައި 116،284.62 ރުފިޔާ ހުރި އިރު، ބީއެމްއެލް އެކައުންޓުގައި ހުރީ 10،185.41 ރުފިޔާއެވެ.
ކޮމެންޓު ފޮނުވާ