ރައީސްގެ ދައްތާފުޅު އައިޝަތު މުޙައްމަދު ޞާލިޙަށް ފްލެޓް ހައްޤުވާކަމަށާއި، ވަކި މީހެއްގެ ދައްތައަކަށް ވުމަކީ އެއްވެސްކަމަކުން މަހުރޫމް ވާންޖެހޭ ސަބަބެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވެފައިމިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައްތާފުޅަށް ރައީސް ޔާމީންގެ ހިޔާ މަޝްރޫޢުން ފްލެޓް ލިބުމާއި ގުޅިގެން އަމާޒުވަމުންދާ ފާޑުކިއުންތަކާއި ގުޅިގެން ކުރައްވާފައިވާ ޕޯސްޓަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދައްތާފުޅު އައިޝަތު މުޙައްމަދު ޞާލިޙް ވަނީ އެހެން މީހުންނަށް މާތް ﷲ ދެއްވަވާ ނިއުމަތްތަކަށް ހަސަދަވެރިވެ މީހުންގެ އަބުރު ވެއްޔާ މޮޑެލުމަށް މަސައްކަތް ކޮށް ތިމާއަށް މޮޅުގޮތްތަކާ ކުރިއެރުން ލިބޭނެކަމެއްކަމަށް ދެކެނީ މޮޔައިން ނޫން ކޮންބައެއްތޯ ސުވާލުކުރައްވާފައެވެ. އަދި ހަސަދަވެރިވުމަކީ ތިމާގެ ހަލާކުކަމަށާއި، އެއީ ޖަހަންނަމަޔަށް ކުރު މަގެއްކަމަށްވެސް ވިދާޅުވެފައިވެއެވެ. އައިޝަތު މުޙައްމަދު ޞާލިޙަކީ ތަޢުލީމީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ އަދި މިހާރުވެސް މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލެވެ. އެކަމަނާ ގެންދަވަނ ީ2016 ވަނަ އަހަރުންފެށިގެން މަޖީދިއްޔާގައި ޕްރިންސަޕަލެއްގެ ގޮތުގައި މަސައްކަތްކުރައްވަމުންނެވެ.

އެޕޯސްޓަށް ޖަވާބުދެއްވަމުން ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު ވަނީ އައިޝަތު މުޙައްމަދު ދީދީއަށް ފްލެޓް ހައްގުކަމަށް ވިދާޅުވެފައެވެ. އަދި ތަޢުލީމީ ދާއިރާގައި 38 އަހަރު ހޭދަކުރައްވާފައިވާކަން ފާހަގަކުރައްވާ މީހެއްގެ ދައްތައަކަށްވުމުން ލިބެންވާ އެއްޗަކުން މަހުރޫމްވެގެން ނުވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި ފްލެޓް ލިބުނީ އައިޝަތުގެ ހިންމަތުން ނޫންކަމަށް ބުނުމަކީ ބަދުބަހެއްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ޢިމާރާތްކުރެއްވި 7000 ފްލެޓްގެ ތެރެއިން ރައީސްގެ ދައްތާފުޅަށް ފްލެޓް ލިބިވަޑައިގަތީ ސިވިލް ސާރވިސް ކެޓަގަރީންނެވެ. އެކަމަނާ ސިވިލް ސާރވިސްގައި މަސައްކަތްކުރައްވާތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.
ރައީސް ޔާމީން އެޅުއްވި ފްލެޓްތައް ޢިމާރަތްކުރައްވާފައިވާ ގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި، މިސަރުކާރުގެ އިސް ބޭފުޅުން ފާޑުވިދާޅުވަމުން ގެންދަވާއިރު، ރައީސްގެ ދައްތާފުޅަށް ފްލެޓް ލިބިވަޑައިގަތުމުންވެސް ގިނަބަޔަކު އަންނަނީ އެކަމަށް ފާޑުވިދާޅުވަމުންނެވެ.
ހިޔާގެ 7000 ފްލެޓަކީ މީހުން ދިރިއުޅެން އެކާށީގެންވާ ތަނެއް ނޫންކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވެއެވެ. އަދި އެތަނަކީ ކޮތަރު ކޮށްޓެއްކަމަށްވެސް ސިފަކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ