ސަރުކާރުގައި ތިބެގެން ވާހަކަ ދެއްކުމުގެ ބަދަލުގައި، ނަތީޖާ ނެރެވޭކަމެއް ކުރޭ: އާދަމް ޝަރީފް

ސަރުކާރުގައި ތިބެގެން ވާހަކަ ދެއްކުމުގެ ބަދަލުގައި، ނަތީޖާ ނެރެވޭކަމެއް ކުރޭ: އާދަމް ޝަރީފް

Author
މުޙައްމަދު ޖިމީ
13 ފެބްރުއަރީ 2021 12:00
0

ސަރުކާރުގައި ތިބެގެން ޖިންސީ ގޯނާއަށް ފިޔަވަޅު ނޭޅޭތީ ކަންބޮޑުވެގެން ވާހަކަދެއްކުމުގެ ބަދަލުގައި ނަތީޖާ ނެރެވޭނެކަމެއް ކުރުމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ގޮވާލައްވައިފިއެވެ.

އާދަމް ޝަރީފް މިކަމަށް ގޮވާލައްވާފައިވަނީ ޖިންސީ ގޯނާގެ ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމާއި ގުޅިގެން، ސަރުކާރުގައި ތިއްބެވި އިސް ބައެއް ބޭފުޅުން ކަންބޮޑުވުން ފާޅުކުރަން ގެންދަވާ ދަނޑިވަޅެއްގައެވެ. އަދި އެކަމާއި ސަރުކާރަށާއި، ޕީޖީއަށް ބޮޑެތި ފާޑުކިއުންތަކެއްވެސް ވަނީ އަމާޒުވެގެން ގޮސްފައެވެ.

ޢަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލާފައި ވަނިކޮށް، ރާއްޖެ ދޫކުރައްވައި ފުރައިވަޑައިގަތް މައްސަލާގައި ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ޢަމަލުކުރައްވާފައިވަނީ ރަނގަޅަށްތޯ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އަންހެން 4 މެންބަރަކު ވަނ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދަންނަވާފައެވެ. އަދ ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސް ބައެއް ބޭފުޅުންވެސް އެ މައްސަލަ ބެއްލެވުމަށް ގޮވާލައްވަމުން ގެންދާއިރު، އެކަމަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވަނީ ސަރުކާރުގައި ތިބެގެން ޖިންސީ ގޯނާއަށް ފިޔަވަޅު ނޭޅޭތީ ކަންބޮޑުވެގެން ވާހަކަ ދެއްކުމުގެ ބަދަލުގައި ނަތީޖާ ނެރެވޭނެކަމެއް ކުރުމަށް ގޮވާލައްވާފައެވެ. އެހެންނޫނީ އިސްތިއުފާ ދެއްވުމަށްވެސް ގޮވާލެއްވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ޖިންސީ ފުރައްސާރަ ހިންގާ ފަރާތްތައް ހިމާޔަތްދޭ މީހުންގެ މައްޗަށްވެސް ޕީޕީއެމްގެ ވެރިކަމެއްގައި ޤާނޫނު އަރާ ހަމަކުރާނެކަމަށެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމުން، ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައިވާއިރު، ސަރުކާރުން އަލީ ވަޙީދު ފުރުވާލީކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުން ގެންދެއެވެ. ޖިންސީ އަނިޔާގެ މައްސަލަތަކަށް ސަރުކާރުންގެންގުޅޭނީ ޒީރޯ ޓޮލަރެންސްކަމަށް ސަރުކާރުން ކުރިން ބުނެފައިވެއެވެ.

މިސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ މައްޗަށް ޖިންސީ ފުރައްސާރައާއިގޯނާގެ ތުހުމަތުތަކެއް އަންނަނީ ކުރެވެމުންނެވެ.

މިގޮތުން އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގެ ތުހުމަތުގައި މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި އެކުންފުނި ހިންގުމާ ހަވާލުވެ ހުންނެވި އަލީ އިކްރާމް ވަނީ ސަސްޕެންޑްކޮށްފައެވެ. އަންހެން މުވައްޒަފަކަށް މެސެޖްކުރައްވައި އަދި ދިމާވުމުން ފޮށި ހަދާކަމުގެ ތުހުމަތު އޭނާގެމައްޗަށް އެ އަންހެން މުވައްޒަފުކޮށްފައިވުމުން އެ ކުންފުނީގެ ބޯޑުން އޭނާ ސަސްޕެންޑްކުރީއެވެ.

މީގެ އިތުރުން ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލާގައި ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވެނީ މިސަރުކާރުގެ އިސް ބޭފުޅުންނާއި ގުޅުންހުރި ބައެއްގެ އާއިލީ ބަޔަކަށެވެ. އެގޮތުން މި މައްސަލާގައިވެސް މާބޮޑު ފިޔަވަޅުތަކެއް މިހާތަނަށް އެޅިފައިނުވުމުން، “ރޯޔަލް” ކޭސްގެ ގޮތުގައި މުޚާތަބުކުރެވި، ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެގެން ދިޔައެވެ. ސަފާރީގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކުރި އެވެ. އެކަމަކު އެ ދެ މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމުގެ ތުހުމަތު ކުރެއެވެ.

އަންހެނުންނަށާއި ކުޑަކުދިންނަށް އެކި ކަހަލަ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުތައް ކޮށްފައިވާ ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އަހުމަދު ފަޒީލްވެސް ސަސްޕެންޑުކޮށްފައިވެއެވެ. ފަޒީލްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ކުދިންގެ ގަޔަށް އަތްލުމާއި ބަދުއަޚުލާގީ އަމަލުތައް ހިންގާ މަންޒަރާއި އޮރިޔާން ފޮޓޯ ފޮނުވުން ފަދަ ކަންކަން ހިމެނެ އެވެ. މި ތުހުމަތުތަކާއި ގުޅިގެން އޭނާ ފަހުން މަޢާފަށްވެސް އެދިފައިވެއެވެ.

އަދި މިސަރުކާރުގައި ރައީސް އޮފީހުގެ ކުރީގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއީލް ޖިންސީ ފުރައްސާރަކޮށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ދި އެޑިޝަންގެ ކުރީގެ އެޑިޓަރު ރާއިއާ މުނައްވަރު ކުރައްވާ ތުހުމަތުތަކެއްވެސް ފެންމަތިވިއެވެ. އެ މައްސަލާގައި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހުން މަގާމުން އެކަހެރިކޮށް، އެމީހުންނަށް ތުހުމަތު ކުރެވޭ މައްސަލަތައް ބަލަން ގޮވާލައި މުޒާހަރާވެސް ކޮށްފައިވެއެވެ. ނަމަވެސް ޙަސަން މިހާރު ވަނީ އަމިއްލަ ސަބަބާއި ގުޅިގެންކަމަށް ވިދާޅުވެ މަޤާމުން ވަކިވެވަޑައިގެންފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.