މާލޭގައި ބޮން ގޮއްވަން އުޅުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޝަރީޢަތެއް މާދަމާއަށް ތަޢާވަލުކޮށްފިއެވެ.
މި ޝަރީޢަތް ތަޢާވަލުކޮށްފައިވަނީ ކްރިމިނަލް ކޯޓުގައި މާދަމާ ހެނދުނު09:30ގައެވެ.
އަމިއްލަ އަށް ތައްޔާރު ކޮށްފައިވާ ބޮންތަކެއް ގޮއްވާލަން އުޅުމުގެ ތުހުމަތުގައި2017 ވަނަ އަަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ހަައްޔަރުކޮށްފައިވަނީ، ގދ. މަޑަވެލި، ގަމަރީ، އިއުތިސާމް މުހައްމަދު ސައީދުގެ އިތުރުން ހދ. ނައިވާދޫ، ރިވެލި، ޝިމާން ޝަރީފާއި ހއ. ހޯރަފުށި، ވިދުވަރު، ނާސިއު މުހައްމަދު އާއި ހަމަ އެރަށު އަލަނާސިގެ، މުހައްމަދު ތަސްލީމްއެވެ. އެ އެންމެންގެ މައްޗަށް ވެސް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރުއެވެ. އެ އަޑުއެހުން ބާއްވާފައިވަނީ ސިއްރުކޮށްގެންނެވެ.
މީގެކުރިން ނޮވެމްބަރު، 2015 ގައި މުލިއާގެ ކައިރީގައި ބޮމެއް ގޮއްވާލަން އުޅުނު ބަޔަކު ވެސް ހައްޔަރުކުރިއެވެ. އެ މައްސަލާގައި ހަތަރު މީހަކަށް ކުށް ސާބިތުވެ، ތިން މީހަކަށް 17 އަހަރުގެ ޖަލު ހުކުމެއް އަދި އެކަކަށް 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފައެވެ.
ކޮމެންޓު ފޮނުވާ