ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ ފުލުހުންގެ އޮޕަރޭޝަން ލެވެލް އުފުލައިފި

ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ ފުލުހުންގެ އޮޕަރޭޝަން ލެވެލް އުފުލައިފި

Author
މުޙައްމަދު ޖިމީ
13 ފެބްރުއަރީ 2021 10:17
0

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމާއި ގުޅިގެން، ފުލުހުންގެ އޮޕަރޭޝަން ލެވެލްވެސް މަތިކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ އޮޕަރޭޝަން ސްޓޭޓަސް ލެވެލް 2 އަކަށް އުފުލާފައިވާކަމަށާއި، އަދި އެ އޮޕަރޭޝަންގެ އެންމެ އިސް ބޭފުޅަކަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަމަޖައްސަވާފައިވާކަމަށެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހު ފުލުހުންގެ އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާނީ މިހާރު މިބަލީގެ ނުރައްކާ އޮތް މިންވަރާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމަށްކަމަށެވެ. ކޮމިޝަނަރ ވަނީ ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އެންމެންވެސް ޢަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް މިއަދު ފެންނަމުންދާ ގޮތާއި، ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އޮތް މިންވަރަށް ބަލާއިރު، މިއީ އެންމެ ނުރައްކާތެރި ރާޅު ނަގާފައިވާ ވަގުތުކަމަށް ހެމްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ ބަލީގެ ޙާލަތަކީ ދުނިޔޭގައިވެސް އެންމެ ނުރައްކާ އޮތް މިންވަރުކަމަށްވެސް ޑޮކްޓަރ ޝީނާ ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ ކޭސްތައް 100 ދަށުގައި ހުރުމަށްފަހު މިއަހަރު ފެށުނު ފަހުން މިއަދަދުތައް އިތުރުވަމުން އައިސް 200 ވުރެ މައްޗަށްވެސް ވަނީ އަރާފައެވެ. އަދި މި އަދަދުތައް 100 ދަށަށް ނުދާތާ މިހާރު މިވަނީ މަހެއް ވާން ގާތްވެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.