ޢުމުރުން 18 އަހަރުން މަތީގެ ހައިރިސްކު މީހުންނަށް ވެކްސިން ދޭން ފަށައިފި

ޢުމުރުން 18 އަހަރުން މަތީގެ ހައިރިސްކު މީހުންނަށް ވެކްސިން ދޭން ފަށައިފި

Author
މުޙައްމަދު ޖިމީ
13 ފެބްރުއަރީ 2021 09:50
0

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ޢުމުރުން18 އަހަރުން މަތީގެ ހައިރިސްކު މީހުންނަށް ކޯވިޑް-19އިގެ ވެކްސިން ދޭންފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ، ދިގު މުއްދަތަކަށް ބޭސްކުރަންޖެހޭ ބަލި ހުންނަ ނުވަތަ ހައިރިސްކު މީހުންނަށް ވެކްސިން ދޭން ފަށަފައިވާކަމަށާއި، އެމީހުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރާއި، އިސްލާމިކް މަރުކަޒާއި، ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގައިކަމަށެވެ.

ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9އިން ފެށިގެން ހަވީރު 5 ޖަހަންދެންކަމަށާއި، ނަމަވެސް ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެކްސިންދޭނީ ހެނދުނު 9އިން މެންދުރު 1 ޖެހުމާއި ހަމައަށްކަމަށް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖޭގައި މިހާތަނަށް ވަނީ 27،000 ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައެވެ. ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ މަސައްކަތް މާލޭ ސަރަޙައްދުގެ 7 ސެންޓަރަކާއި، އަތޮޅުތަކުގެ 55 ސެންޓަރެއްގައި ވަނީ ފަށާފައެވެ.

ރާއްޖޭގައި މިހާރު ދެމުންދަނީ އޮކްސްފޯޑާ އެސްޓްރާ ޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިންގެ 100،000ޑޯޒް ރާއްޖެއަށް ހަދިޔާކުރީ އިންޑިއާއިންނެވެ. ވެކްސިން ރާއްޖޭގައި ޖަހަންފެށީ ސިއްޙީގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހުއެވެ. އަދި މިހާރުވަނީ ޑަބްލިއު އެޗްއޯގެ ހުއްދަވެސް މި ވެކްސިނަށް ލިބިފައެވެ.

މިހާރުވަނީ ޗައިނާގެ ސައިނޮފާމްގެ 5000 ވެކްސިން ޑޯޒްވެސް ރާއްޖެއަށް ލިބިގައެވެ. ސަރުކާރުންދަނީ ރާއްޖެއަށް 7 ލައްކަ ވެކްސިން ޑޯޒް ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 6 މަސްތެރޭ، ވެކްސިން ޖެހޭ އާބާދީއަށް ވެކްސިންދީ ނިންމުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.