ވެކްސިން ދިނުމާއި ބެހޭ ބިލާއެކު މިދައުރަށް 33 ބިލެއް ހުށައަޅަނީ

ވެކްސިން ދިނުމާއި ބެހޭ ބިލާއެކު މިދައުރަށް 33 ބިލެއް ހުށައަޅަނީ

Author
މުޙައްމަދު ޖިމީ
11 ފެބްރުއަރީ 2021 07:21
0

ކޯވިޑް ވެކްސިން ދިނުމާ ބެހޭ އުސޫލުތައް ކަނޑައެޅުމުގެ ބިލާއެކު 33 ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރަށް ހުށައެޅުމަށް ނިންމާ، އެ ބިލްތަކުގެ ލިސްޓް މަޖިލީހަށް ފޮނުވައިިފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ވިދާލުވީ، މިއަހަރުގެ ފުރަތަމަ ދައުރުގައި ހުށައަޅާ ބިލްތަކުގެ ލިސްޓް މިއަދު މަޖިލީހަށް ފޮނުވާފައިވާކަމަށެވެ. މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާ ބިލް ތަކުގެ ތެރޭގައި މުޅިން އަލަށް އެކުލަވާލާ ޤާނޫނުގެ ބިލްތަކާއި، މިހާރުވެސް އަމަލުކުރެވެމުން އަންނަ ޤާނޫނުތަކަށް އިބްލާހު ގެނައުމުގެ ބިލްތައްވެސް ހިމެނެއެވެ. އޭގެ ތެރޭގައި މުޅިން އަލަށް 15 ޤާނޫނެއް އެކުލަވާލާ ބިލް ހިމެނެއެވެ. އަދި މިހާރު ޢަމަލުކުރެވެމުންދާ 16 ޤާނޫނަކަށް އިޞްލާހު ގެނައުމަށް ހިމަނާފައިވެއެވެ.

އޭގެ ތެރޭގައި ކޯވިޑް ވެކްސިން ދިނުމާ ބެހޭ އުސޫލުތައް ކަނޑައެޅުމުގެ ބިލާއި، ދި އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި، ހެއްކާ ބެހޭ ގާނޫނުގެ ބިލާއި، ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ބިލާއި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީ އުފެއްދުމުގެ ގާނޫނުގެ ބިލް ހިމެނެއެވެ. އަދި ފޮރިން އިންވެސްޓްމެންޓުގެ ގާނޫނުގެ ބިލާއި، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ގާނޫނުގެ ބިލާއި،، ނަފްސާނީ ސިއްހަތާ ބެހޭ ގާނޫނުގެ ބިލާއި، ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރި ކުރުމާ ގުޅޭ ގާނޫނުގެ ބިލްވެސް ހިމެނެއެވެ.

އިޞްލާހު ގެނައުމަށް ނިންމާފައިވާ ބައެއް ބިލްތަކުގެ ތެރޭގައި ޕެންޝަނާ ބެހޭ ގާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، ކޯޓުތަކުގެ ގާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، ފަނޑިޔާރުންގެ ގާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، ގާނޫނީ ފަންނުގެ ގާގާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، އިންތިގާލީ އިންސާފުގެ ގާނޫނަށް އިޞްލާހު ގެނައުމުގެ ބިލް ހިމެނެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލީހްވެސް ވަނީ މިދައުރުގައި މުހިންމު ޤާނޫނުތަކެއް އަންނާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.