ނިހާނަށް ފުރުން މަނާ، ވަކީލަކު އައްޔަންކުރުމަށް 10 ދުވަސް

ނިހާނަށް ފުރުން މަނާ، ވަކީލަކު އައްޔަންކުރުމަށް 10 ދުވަސް

Author
މުޙައްމަދު ޖިމީ
11 ފެބްރުއަރީ 2021 04:28
0

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙްމަދު ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ޝަރީޢަތުން ގޮތެއް ނިންމަންދެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ޢަމުރުކޮށްފިއެވެ.

ނިހާންގެ މައްޗަށް ހަ ދައުވާއެއް ދައުލަތުން އުފުލާފައިވެއެވެ. އެއީ ޝްވަތު ހިފުމުގެ ކުށުގެ 3 ދައުވާއަކާއި ރިޝްވަތު ލިބި ގަތުމަށް އެެދުމުގެ ކުށުގެ 2 ދައުވާއަކާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާއެކެވެ. މިމައްސަލާގައ މިއަދު ބޭއްވި އަޑުއެހުމުގައި ނިހާން ވަނީ ވަކީލަކު އައްޔަންކުރުމަށް 15 ދުވަހުގެ މުއްދަތެއް ދިނުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް މައްސަލަ ބައްލަވާ ޤާޟީ ވިދާޅުވީ ޤަވައިދުގައި އޮންނަނީ 10 ދުވަސްކަމަށާއި، ފުރަތަމަ 10 ދުވަސް ކަނޑައަޅާކަމަށެވެ. އެ މުއްދަތަށް ބެލުމަށްފަހު ގަބޫލުކުރެވޭ ސަބަބުތަކެއް އޮތް ނަމަ އިތުރު ގޮތެއް ނިންމަވާނެކަމަށް ޤާޟީ ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ނިހާންގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުން ދަމަހައްޓާ ދިނުމަށް އެދިފައެވެ. މިކަމާއި ގުޅިގެން ޖަވާބުދާރީވަމުން ނިހާން ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން ރާއްޖޭގެ އެއްވެސް ހިސާބަކަަށްވެސް ނުވަތަ ރާއްޖެއިން ބޭރަށްވެސް ދިއުމުގެ ވިސްނުމެއް ނެތްކަމަށެވެ. އަދި ބޭހަށްވެސް ރާއްޖެއިން ބޭރަށް ދާން ނޭދޭނެކަމަށާއި ޕީޖީ އޮފީހުން ބޭނުންވާ މުއްދަތަކަށް ބޭނުންވާތާކު ޕާސްޕޯޓް ބޭއްވުމުގެ އެއްވެސް އިއުތިރާޒެއް ނެތްކަމަށްވެސް ނިހާން ވަނީ ވިދާޅުވެފައެވެ.

މި ވާހަކަތަކަށް ފަހު މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް ފެށިފައިވުމާއި މައްސަލަ އަވަހަށް ނިންމަން ބޭނުންވާތީ ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން ނިހާންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކަނޑައަޅާކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނަތާއި ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިޔަށް ގެންދިޔަ ތަހުޤީގަށް ނީހާނާއި އެނާގެ އައިލީ ބައެއް މެމްބަރުންވެސް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

ނިހާންގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި 2014 ވަނަ އަހަރު ޕްރޮސެކިއުޓަރ ޖެނެރަލަކު ޢައްޔަން ކުރުމަށާއި، މަޖިލީހުން ޖޭއެސްސީއަށް އައްޔަންކުރާ މެންބަރު ހޮވުމަށް މަޖިލީހުގައި ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު އަރިހު އެދުމުން، މ.ވިލާދަށުގެ މުޙައްމަދު މަނިކު މެދުވެރިކޮށް އަޙްމަދު އަދީބު ދެއްވި ރޮލެކްސް ބްރޭންޑްގެ ގަޑި ނިހާން ބަލައިގަނެފައިވާކަމަށެވެ.

މީގެ އިތުރުން މެންބަރުކަމުގެ ހައިސިއްޔަތުން އަދާ ކުރި މަސްޢޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރ ހ.ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އަންގާ ގޮތަށް އަދާކުރުމުގެ މުޤާބިލުގައި -/650،000 (ހަލައްކަ ފަންސާސް ހާސް) ރުފިޔާ ދިނުމަށް އަޙްމަދު އަދީބު ގާތު އެދިފައިވާތީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާވެސް ހިމެނެއެވެ. އަދި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެ ޢަދަދަށް ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ ވެސް ނިހާންގެ މައްޗަށް އުފުލާ ދައުވާތަކުގެ ތެރޭގައި ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން މިހާތަނަށް ދައުވާ އުފުލާފައިވަނީ ކުރީގެ ވެރިކަމުގެ ތެރޭގައި ޝާމިލުވާ މީހުންނަށެވެ. މި މައްސަލައަކީ އެތައް ބަޔަކު ޝާމިލުވާ މައްސަލައަކަށްވާއިރު މިމައްސަލަ އިންސާފުވެރިކަމާއިއެކު ނުބެލޭކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބަނާނާ
ތިވެސް މަކަރު މިއަދު ޕާސްޕޯޓު ދޫކޮށްލިޔަސް މިއަދު ފިލާނެ....ތިޔައީ ވަގުގަ ވަގު ހިފާފަ ތިބި ވަގުން...ވަގު ލާރި ކައި އަނބި ދަރިންނަށް އެ ކާންދިނުމުގެ ހިތި ލިބޭނެ. މަށަށް އެއްދުވަހަށް ގާޒީކަން ހަވާލު ކުރިޔަސް ހުކުމް ކުރާތާ ފަސް މިނެޓު ތެރޭ ހަތަރެސްފައި ހުރަހަށް ބުރިކުރަން ހުކުމް ކުރާނަން.