މުލަކަތޮޅު މުލަކުގައި މިފްކޯއިން ތަރައްޤީކުރާ ޕޯޓްގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީ)އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން، 22،240 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 8،640 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. މީގެއިތުރުން 68.90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 3،200 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ. މި މަޝްރޫޢުގެ އަގަކީ 56.13 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫޢަކީ 300 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

މުލަކުގައި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އިސްނަގައިގެން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިންނަށް މަސް ކިރޭނެ އިންތިޒާމް ހަމަޖެއްސުމަށް މިފްކޯއާއި ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ނިމުމާއިއެކު މުލަކުގެ ބަނދަރަށް ބޮޑެތި ބޯޓުތަކަށް ކައިރިކުރެވޭނެއެވެ.
އެމްޓީސީސީއާއި މިމަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގް އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ.
ކޮމެންޓު ފޮނުވާ