ވެކްސިން ދިން މީހުންގެ ޢަދަދު 20،000އިން މައްޗަށް

ވެކްސިން ދިން މީހުންގެ ޢަދަދު 20،000އިން މައްޗަށް

Author
މުޙައްމަދު ޖިމީ
10 ފެބްރުއަރީ 2021 10:17
0

ރާއްޖޭގައި ކޯވިޑް-19 ދިފާޢުއަށް އަށް ވެކްސިން ދިން މީހުންގެ އަދަދު 20،000އިން މައްޗަށް އަރައިފިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިނާއި ގުޅޭގޮތުން އެޗްޕީއޭއިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު ރާއްޖޭގައި ވަނީ 3،910 މީހަކަށް ވެކްސިން ދީފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ދިން 3،285 މީހަކާއި، އަތޮޅުތަކުގެ ރަށްތަކުން ވެކްސިން ދިން 625 މީހެކެވެ.

މިއީ ރާއްޖޭގައި ވެކްސިން ދޭން ފެށިފަހުން އެއް ދުވަހެއްގައި އެންމެ ގިނަ ޢަދަދަކަށް މީހުންނަށް ވެކްސިން ދިން ދުވަހެވެ. މިހާތަނަށް މާލެ ސަރަހައްދުން16،703 މީހުންނަށް ވެކްސިން ދީފައިވާއިރު، އަތޮޅުތަކުން 3،458 މީހަކަށް ވެކްސިން ދީފައިވެއެވެ.

މިއާއެކީ މިހާތަނަށް ރާއްޖޭގައި ވެކްސިން ދިން މީހުންގެ ޢަދަދު ވަނީ 20،161 އަށް އަރާފައެވެ. ރާއްޖޭގައި ދެމުން އަންނަނީ ކޯވިޝީލްޑް ވެކްސިނެވެ. އަދި ދެމުން އަންނީ ވެކްސިންގެ ފުރަތަމަ ޑޯޒްއެވެ.

ރާއްޖޭގައި ރަސްމީކޮށް ވެކްސިންދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ. ރާއްޖެ މިވަގުތު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި އޮތުމުގެ ސަބަބުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އަދި ވެކްސިން ދެމުންގެންދާނީ ވެކްސިން ޖެހުމަށް ޚާއްސަ ޕޯޓަލްގައި ރަޖިސްޓްރީވަމުންދާ ފަރާތްތަކަށްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އަދި ވެކްސިން ޕްރޮގްރާމަށް ބޮޑު ތަރުހީބެއް އަންނަަކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ވެކްސިން ދިނުމުގައި ކުރީސަފުގައި މަސައްކަތްކުރާ މީހުންނަށް އިސްކަންދޭއިރު، އެކި ދާއިރާތަކުން ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށް އަންނަނީ ވެކްސިން ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.