ޢަލީ ވަޙީދު ފުރީއެއް ނޫން، ފުރުވާލީ: އުޝާމް

ޢަލީ ވަޙީދު ފުރީއެއް ނޫން، ފުރުވާލީ: އުޝާމް

Author
މުޙައްމަދު ޖިމީ
10 ފެބްރުއަރީ 2021 04:21
0

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ފުރީ ނޫންކަމަށާއި، އޭނާ ފުރުވާލީކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި މަޤާމުން ދުރުކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ރާއްޖެ ދޫކޮށް ބޭރަށް ފުރައިވަޑައިގަތްކަމަށް މީޑިއާގައި ދައުރުވަމުންދާ ޚަބަރާއި ގުޅިގެން އުޝާމް ވިދާޅުވީ، ޢަލީ ވަހީދު ފުރީ ނޫންކަމަށާއި، އޭނާ ފުރުވާލީކަމަށެވެ.

ރަގަޅުގޮތަކީ "ފުރައިފި" އެއް ނޫން "ފުރުވާލައިފި". ކޮންމެ ސަރުކާރެއް އޮތަސް އަޑުގަދަ ނުފޫޒުގަދަ މީހާއަށް އަބަދުވެސް މޮޅުގޮތް. ގާނޫނު ތަންފީޒުކުރުމުގައި އެއްވެސް ކަހަލަ ހަމަަހަމަަކަމެއް ނެތް.

– ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް

ޢަލީ ވަޙީދު ރާއްޖެ ދޫކުރައްވައި ވަޑައިގެންފައިވަނީ އިނގިރޭސިވިލާތަށެވެ. ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލާގައި އޭނާގެ ޕާސްޓްޕޯޓް ހިފަހައްޓާއިފައި އޮތުމަށްފަހު، އަމުރު މުރާޖައާ ކުރަން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުން ވަންނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކަޓަރަކު ހާޒިރުކޮށްފައެވެ. ޑޮކްޓަރު ވަނީ ޢަލީ ވަޙިދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަަމަށް ވިދާޅުވެފައެވެ. ޝަރީޢަތުން ވަނީ އެކަމަށް ރިޔާޢަތްކުރައްވާ އޭނާގެ ޕާސްޓްޕޯޓް ހިފެހެއްޓުމަށް ނެރުނު ޢަމުރު ބާޠިލްކޮށްފައެވެ.

ޢަލީ ވަޙީދު އިނގިރޭސިވިލާތުގެ ލަންޑަނަށް ވަޑައިގެންފައިވާއިރު، ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އަމިއްލަ ފުޅަށް އަރުވާލެވިގެން އިންގިރޭސިވިލާތުގައި ޢަލީ ވަޙީދު ހުންނެވިއެވެ.
ޢަލީ ވަހީދު ރާއްޖެ ދޫކުރައްވާ ވަޑައިގެންފައިވާއިރު، އޭނާގެ މައްޗަށް ވަނީ 7 ދަޢުވާއެއް އުފުލާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނަގެ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައި ވާއިރު މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. އަދި މިމައްސަލާގެ ތަހުޤީގަށް ސުވާލުކުރުމަށް ޢަލީ ވަހީދުވެސް ވަނީ ފުލުހުންގެ ޢިދާރާއަށް ހާޒިރުކޮށްފައެވެ. މީގެ އިތުރުން މިމައްސަލައާއި ގުޅޭ އިތުރު ހެކި ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެއެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާ ވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.