ކޯވިޑް19 އަށް ޕޮޒިޓިވް ވެގެން، މަރުވާ މުސްލިމުން ސްރީލަންކާގައި ވަޅުލުމުގެ ހުއްދަ ދެއްވާނެކަމުގައި އެގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަ ޕަކްސަ ވިދާޅު ވެއްޖެއެވެ.
މިއަދު ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރާޖަ ޕަކްސަ ވިދާޅުވި ގޮތުގައި، ކުރިޔަށް އޮތްތަނުގައި، މުސްލިމުން ވަޅުލުމުގެ ހުއްދަ ދޫކުރަމުންދާނެ ކަމުގައެވެ.
ރާޖަ ޕަކްސާ މިގޮތަށް ވިދާޅުވެފައިވަނީ، މިއަދު ގާނޫނު ހަދާ މަޖިލީހުގައި، މަޖިލީހުގެ އިދިކޮޅު މެމްބަރެއްކަމުގައިވާ، އެސް އެމް މަރިއްކާ، ސްރީ ލަންކާގެ ސްޓޭޓް މިނިސްޓަރ އޮފް ޕްރައިމަރީ ހެލްތުކެއަރ އެޕިޑަމިކްސް އެންޑް ކޯވިޑް ޑިސީސް ކޮންޓްރޯލް ޑރ. ސުދަރުސިނި ފެނާންޑޯޕުއްލޭ މިބަލި ފެނުގެ ޒަރީއާއިން ނުފެތުރޭކަމަށް އިއްޔެ އެގައުމުގެ ގާނޫނު ހަދާ މަޖީލުގައި ވިދާޅުވެފައިވާއިރުވެސް، މުސްލިމުން ވަޅުލުމުގެ ހުއްދަ ދޫނުކޮށްގެން އުޅޭ ސަބަބު ހޯދުމަށް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ފާއިތުވެދިޔަ ތަނުގައި، ސްރީލަންކާގެ އިދިކޮޅު ޕާޓީންނާ އަދި އަދި އިތުރު އެތައްބަޔަކުވަނީ، އާއިލާތަކުގެ ނުރުހުމުގައި ސްރީލަންކާގެ ސަރުކާރުން އެގައުމުގައި ކޯވިޑް ބަލީގައި މަރުވާ މުސްލިމުންގެ ހަށިތައް އަންދަމުންދާތީ ނުރުހުން ފާޅުކޮށްފައެވެ.
މީގެ ކުރިން ސްރީލަންކާގެ ސަރުކާރުންވަނީ، އެގައުމުގައި ކޯވިޑް ބަލީގައި މުސްލިމުން ވަޅުލުމަށްޓަކާ ރާއްޖެ ގެނައުމުގެ ހުއްދަ ދިވެހި ސަރުކާރުން ހޯދުމަށް މަސައްކަތް ކޮށްފައެވެ. އަދި އެކަމާ ސަރުކާރުގެ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ފެއްޓެވިއެވެ.
އެހެންނަމަވެސް، ރާއްޖޭގެ ސިޔާސީ އިދިކޮޅުގެ ފަރާތްތަކާ އަދި، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ބައެއް ލީޑަރުންގެ ނުރުހުންވެސް ސަރުކާރަށް އަމާޒުވެގެން ދިއުމާއެކު، އެމަޝްވަރާތައްއިތުރަށް ކުރިޔަށް ގެންދިއުން ސަރުކާރުންވަނީ ހުއްޓާލާފައެވެ.
ދީނީ އިލްމުގެވެރިންގެ މެދުގައި މިކަމުގައި އޭރު އާއްޖޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެގެން ދިޔައެވެ. މިގޮތުން ރާއްޖޭގެ ގިނަ އިލެމުވެރިން އޭރު ސަރުކާރުގެ މިނިންމެވުމަށް މަރުބާ ވިދާޅުވެފައި ވެއެވެ. ނަމަވެސް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އޭރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ވިދާޅުވީ އެހެން ގައުމުތަކުގެ އެކި ދީންތަކުގެ މީހުން ރާއްޖެ އައިސް އުފާވެރިކަމާ އެކު ރާއްޖޭގައި އުޅެން ރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް ކޯވިޑް-19 ގައި މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަކީ ތާއީދު ކުރެވޭނެ ކަމެއް ނޫންކަމަށް ރައީސް މައުމޫން އޭރު ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19ގައި ގުޅިގެން ލަންކާގައި ނިޔާވާ މުސްލިމުން ވަޅުނުލާ އެންދުމަށް މަޖުބޫރު ކޮށްފައިވާތީ އެޤައުމުގެ މުސްލިމުން މިހާތަނަށް ގެންދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިމައްސަލާގައި ލަންކާގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދި ބައެއް ހަމަނުޖެހުންތައްވެސް ހިނގާފައެވެ.