އިސްލާމްދީން ބާރުއަޅަނީ ތިމާއާއި، އަނެކުންވެސް ބަލިތަކުން ރައްކާތެރިކުރުމަށް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގައިވަނީ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށްޓަކައި ސަބަބުތަކުގައި ހިފުމުގެ މުހިންމުކަމުގެ މައްޗަށް ތަފްސީލީ ގޮތެއްގައި އަލި އުޅުވާލާފައެވެ. ޚުތުބާގައިވަނީ ބަލިތަކުން ރައްކާތެރިވުމަށް އަމިއްލަ ސާފުތާހިރުކަމަށާއި، ތިމާއާއި އަނެކުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލާފައެވެ. އަދި ސިއްހަތާއި ދުޅެހެޔޮކަމަކީ އިންސާނާގެ ހަޔާތުގެ ދުޅަހެޔޮކަމުގެ ފީތާ ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.
ބަލިމަޑުކަމަކީ މީސްތަކުން އިމްތިޙާން ކުރެއްވުމަށް ޓަކައި މާތް ﷲ ކުރިމަތި ކުރައްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމަކެވެ. އެކަލާނގެ އަޅުތަކުން އިމްތިޙާން ކުރައްވަނީ އެކަލާނގެ މަތިވެރިކަމާއި ކުޅަދުންވަންތަކަން ދެއްކެވުމަށެވެ. އެކަލާނގެއަށް ގޮންޖެހޭނެ ފަރާތެއް ނުވާކަން އެންގެވުމަށެވެ. އެކަލާނގެ އަޅުންގެ އީމާންކަމުގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަން ބެއްލެވުމަށެވެ. މުސްލިމުންނާ ކުރިމަތި ކުރައްވާ އިމްތިޙާނުތަކާ ކުރިމަތިލާން ވާނީ ﷲ ކަނޑައަޅުއްވާފައިވާ މަންހަޖާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ﷲގެ ޙަޟްރަތަށް އެބުރި ރުޖޫޢަވެ ތައުބާވެގެންނެވެ. ﷲ އަންގަވާފައިވާ ގޮތަށް ފިޔަވަޅު އަޅައިގެންނެވެ. ބަލިމަޑުކަމެއް ނަމަ ބޭސް ފަރުވާކޮށްގެންނެވެ. ބައްޔެއް ފެތުރެމުންދާނަމަ އެ ބައްޔަކުން ރައްކައުތެރިވުމަށް ބޭނުންވާ ވެކްސިނާއި ރައްކައުތެރިވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެންނެވެ. ޢާއްމު ޞިއްޙަތާ ބެހޭ އިދާރާތަކުން ދޭ އިރްޝާދުތަކަށް ތަބާވެ ބޯލަނބައިގެންނެވެ. އޭރުން ކީރިތި ﷲ ބަރަކާތް ލައްވާނެތެވެ.
– ހުތުބާގައި ބަޔާން ކޮށްފައިވެއެވެ.
މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެރިވެފައިވާ ކޯވިޑް19 ގެ ޙާލަތު އިތުރަށް ގޯސްވެ ބަލިޖެހޭ މީހުންގެ ޢަދަދު ދުވަހަކަށްވުރެ ދުވަހެއް މަތި ވަމުންދާއިރު މިއީ އަޅައިނުލާ ދޫކޮށްލެވޭ ވަރުގެ ކުޑަކަމެއް ނޫންކަމަށް ހުތުބާގައިވެއެވެ. ފަރުވާކުޑަ ކޮށްގެން ފަރުޖެއްސެން އޮތް ކަމަކަށް މިކަން ހެދެން ނެތްއިރު، މިކަމުން އަރައިގަތުމަށް ގިނަގިނައިން އަތްދޮވުމާއި، ގައިދުރުކަން ބެހެއްޓުމާއި، ތަންތަނަށް އެއްވެ ނޫޅުން ފަދަ، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް އިޙްތިރާމް ކުރަންޖެހޭކަމަށް ހުތުބާގައިވެއެވެ.
އަދި ވެކްސިން ދިނުމަކީ މިކަމުން މުޅި މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި ސަބަބެއްކަމުގައި ޞިއްޙީ މާހިރުން މާހިރުން ލަފާ ދެއްވަމުންދާއިރު، އަދި ޤައުމީ ފެންވަރުގައި ފަށާފައިވާ ވެކްސިން ދިނުމުގެ ޕްރޮގްރާމު ފުރިހަމަ ކުރުމަށް ޑަކްޓަރުންނާއި، ކަމާބެހޭ އިދާރާތަކުން ބާރުއަޅުއްވަމުންދާއިރު މިކަމަށް އިޖާބަ ދިނުމަކީ މުހިންމު ކަމެއްކަމަށް ހުތުބާގައި ބުނެފައިވެއެވެ. އިސްލާމްދީން ގޮވައިލަނީ ތިމާ ބަލިތަކުން ރައްކާތެރިވެ އަނެކުންވެސް ބަލިތަކުން ރައްކާތެރިކުރުމަށެވެ.
އިސްލާމްދީނަކީ ފަރުދުންގެ ޙައްޤުތައް ރައްކައުތެރިކޮށްދޭ ފަދައިން ޖަމާޢަތުގެ ޙައްޤުތައްވެސް ރައްކައުތެރިކޮށްދޭ މަތިވެރި ދީންކަމަށްވާއިރު، ދީނުގައި ކަނޑައަޅުއްވާފައިވާ ޙައްޤުތަކަށް އިޙްތިރާމް ކުރުމަށް އިސްލާމްދީން އަބަދުވެސް ގޮވާލާކަމަށް ޚުތުބާގައި ވެއެވެ. ސާފު ތާހިރުކަމަކީ އިޖްތިމާއީ އެހެން އަގުތައް ފަދަ އަގަކަށްވާއިރު، ކޮންމެ މީހަކު އެމީހެއްގެ މަސްއޫލިއްޔަތު މި ކަމުގައި އަދާކޮށްފިނަމަ ބަލިތަކުން ރައްކާތެރިވެ ބަލިތަކުން ސަލާމްވުމުގެ ފުރުސަތު ބޮޑުވެގެންދާނެކަމަށް ހުތުބާގައި ބަޔާން ކޮށްފައިވެއެވެ.