ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އިންޑިއާގެ ހެލިކޮޕްޓަރ

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އިންޑިއާގެ ހެލިކޮޕްޓަރ

Author
ޢަލީ އާދަމް
27 ޖެނުއަރީ 2021 12:21
0

ރާއްޖެ ޓީވީން އަންނަ ރޯދަމަހު ގެނެސްދިނުމަށް ތައްޔާރުކުރާ ޕްރޮގްރާމެއްގެ ޝޫޓިންގައި އިންޑިއާއިން ދިވެހި ސިފައިންނަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރ ބޭނުންކުރުމުން ގިނަބައެއްގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ރޯދަ މަހު ރާއްޖެ ޓީވީން ދައްކާ ރިއަލިޓީ ޝޯވއެއްގެ ޝޫޓިންގ ވަނީ ދ. އަތޮޅުގެ ގެމެންދޫ ފަޅުތެރޭގައި އޮންނަ ފަޅު ރަށްތަކުގައި މި މަހު ކުރިއަށްގެންގޮސްފައެވެ. ޝޯވގެ ޝޫޓިންގ އަށް ހެލިކޮޕްޓަރގެ އިތުރުން އެމްއެންޑީއެފްގެ އިތުރު އެހެން އުޅަނދުތައްވެސް ބޭނުން ކޮށްފައި ވާކަމަށް މައުލޫމާތު ލިބެއެވެ. އަދި އުޅަނދުތަށް އޮޕަރޭޓްކުރުމުގައި ގިނައަދަދެއްގެ ސިފައިންވެސް ހަރަކާތްތެރިވިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީދާއިރާގެ އެމްޑީޕީ މެމްބަރު އަޙްމަދު ސަލީމްގެ މޭސްތިރި ކަމުގައި ހިންގާ ރާއްޖެޓީވީގެ މިފަދަ ޕްރޮގްރާމަކަށް، ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު އަދަދެއް ހޭދަކޮށްގެން ހިންގާ ގައުމީ ދިފާއީ ބާރުގެ މިފަދަ ވަސީތްތައް ބޭނުންކުރުމުން ގިނަބަޔަކުގެންދަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔަމުންނެވެ. އެގޮތުން ވިޔަފާރި އުސޫލުން ފައިދާ ވާނެހެން ހިންގާ މިފަދަ ޕްރޮގްރާމެއްގައި ދައުލަތުގެ މުދާ މިފަދަގޮތަކަށް ބޭނުންކުރުމުން ކޮރަޕްޝަނަށް ނުވޭތޯ ގިނަބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ކިހިނެތްވާ ކަމެއްތޯ އެމްއެންޑީއެފުންނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އަދި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ، ދިވެހި ރައްޔިތުންނަށް ސާފު ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮރަޕްޝަނަށް ދެއްވާ ޒީރޯ ޓޮލަރެންސްގެ ވައްތަރެއްތޯ ޝިޔާމް ވަނީ ސުވާލުކުރައްވާފަ އެވެ.

އިންޑިއާއިން ރާއްޖޭގެ ދިފާއީ ބާރަށް ހަދިޔާކޮށްފައި ވާ 2 ހެލިކޮޕްޓަރަކީ ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބައިގެން އޮޕަރޭޓްކުރާ 2 ހެލިކޮޕްޓަރެވެ. އަދި މިތަކެތި އާންމުކޮށް ބޭނުންކުރަނީ އެމަޖެންސީ ހާލަތްތަކުގަ އާއި ބަލިމީހުން އުފުލުމުގެ އިތުރުން ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައެވެ.

މިކަމާގުޅޭގޮތުން އެމްއެންޑީއެފްގެ ރަސްމީބަހެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.