އިޓަލީގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވައިފި

އިޓަލީގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވައިފި

Author
ހުސެއިން
26 ޖެނުއަރީ 2021 05:42
0

އިޓަލީގެ ބޮޑުވަޒީރު، ގިއުސެޕް ކޯންޓެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ، ސިޔާސީގޮތުން އިތުރަށް ބާރުވެރިކަން ހޯއްދެވުމުގެ ގޮތުން މުޅިން އާސީޔާސީ ކޯލިޝަނެއް އަލުން އުފެއްދުވުމުގެ މަގުސަދުގައެވެ.

އިޓަލީގެ ސިޔާސީ މަސްރަހު ހަލަބޮލި ވެފައިމިވަނީ، ބޮޑުވަޒީރު ކޯންޓެ ގާނޫނު ހަދާ މަޖިލިހުގައި ފާއިތުވެދިޔަ ހަފްތާގައި އިތުބާރު ނެތްކަމުގެ 2 ވޯޓަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވުމާ ގުޅިގެންނެވެ. އެހެންނަމަވެސް އިތުބާރު ނެތްކަމުގެ މިވޯޓު ކޯންޓެ ކާމިޔާބު ކުރައްވާފައިވި ނަމަވެސް، އޭނާގެ ކުރިން ބޮޑުވަޒީރުކަން ކުރެއްވި މަޓިއޯ ރެންޒީގެ އިޓާލިއާ ވިވާ ޕާޓީ ވެރިކަން ކުރާ ކޯލިޝަނުން ވަކިވުމާއި ގުޅިގެން ކޯންޓެއަށް ވަނީ ސެނެޓްގައި މެޖޯރިޓީ ގެއްލިފައެވެ.

މަޓިއޯ ރެންޒީގެ އިޓާލިއާ ވިވާ ޕާޓީއަކީ ކުޑަ ސިޔާސީ ޕާޓިއެއްނަމަވެސް، އެޕާޓިން ކޯލިޝަނުން ވަކިވެފައިވަނީ، ކޯންޓެގެ ސަރުކާރުން އިޓަލީގައި އޮތް ކޯވިޑް19 ކާރިސާ މެނޭޖްކޮށް އަދި ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރުމުގައި ފެއިލް ވެގެން ގޮސްފައިވާ ކަމަށް ތުހުމަތު ކޮށެވެ.

ބޮޑުވަޒީރު ކޯންޓެ އަންގާރަދުވަހު، އެނާގެ އިސްތިއުފާ އިޓަލީގެ ރައީސް ސާގިއޯ މަޓަރެއްލާއަށް ހުށަހަޅުއްވާފައި ވިނަމަވެސް، ރައީސް މަޓަރެއްލާ ކޯންޓެގެ އިސްތިއުފާ ގަބޫލުކުރެއްވިކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

"އިޓަލީގެ ޖުމްހޫރިއްޔާގެ ރައީސަށް އިސްތިއުފާގެ ހުށަހެޅުން ވަނީ ލިބިވަޑައިގެންފަ. އަދި ރައީސް އެދިވަޑައިގަންނަވަނީ، ސަރުކާރުން އާންމު ހާލަތެކޭ އެއްގޮތަށް ދުވަހުން ދުވަހަށް މަސައްކަތްތައް ކުރިޔަށް ގެންދެވުމަށް،" ރިޔާސީ ގަޑުވަރުން ނެރުއްވި ބަޔާނުގައި ބުނެފައި ވެއެވެ.

އިތުރަށް މިބަޔާނުގައި ބުނެފައިވަނީ، ބޮޑުވަޒީރުގެ އިސްތިއުފާއާއި ގުޅިގެން، އިޓަލީގެ ބޮޑެތި ސިޔާސީ ޕާޓީތަކާއެކީ ކުރިޔަށް ގެންދަންޖެހޭ މަޝްވަރާތައް ބުދަދުވަހު މެންދުރުން ފެށިގެން އެގައުމުގެ ރައީސް ކުރިޔަށް ގެންދަވާނެ ކަމަށެވެ.

ބެލެވޭ ގޮތުގައި، ރައީސް މަޓަރެއްލާ އަނެއްކާވެސް އާސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ދެއްވާނީ މިހާރުގެވެސް ބޮޑުވަޒީ ކޯންޓެއަށެވެ. އަދި މިފުރުސަތު ލިބިވަޑައިގެންފިނަމަ، ކުރިޔަށްވުރެ ފުޅާ ކޯލިޝަނެއް އެކުލަވާލުމަށް ކޯންޓެ މަސައްކަތް ކުރައްވާނެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޔޫރަޕްގެ އިއްތިހާދުގެ މުހިންމު ގައުމެއް ކަމުގައިވާ އިޓަލީގެ އާސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ކޯންޓެއަށް އަލުން ލިބިވަޑައިގެންނެވި ނަމަވެސް، އެގައުމުގެ ސެނެޓްގެ ސާފު މެޖޯރިޓީ ނުލިބި، ސިޔާސީ ހަމަނުޖެހުން އެތައް އަހަރަކަށް ދިގުދެމިގެން ގޮސްފައިވާ އިޓަލީއަށް، މީގެ އިތުރުން ކުރިމަތިވެފައިވާ ކޯވިޑް ކާރިސާއިން އަރައިގަތުމަށް ބޭނުންވާ މުހިންމު ގާނޫނުތައް ފާސްކުރުން ވެގެންދާނީ ދަތި އުދަގޫ ކަމަކަށެވެ.

އާސަރުކާރެއް އެކުލަވާލުމުގައި ކޯންޓެއަށް ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފިނަމަ، ދެން ޖެހިވަޑައިގަންނަވާނީ، އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚުގެ 2 އަހަރުކުރިން އާއިންތިޚާބަކަށް ވަޑައިގަންނަވާށެވެ.

2019 ވަނަ އަހަރު ކޯންޓެ އުފެއްދެވި ކޯލިޝަން އުފައްދާފައިވަނީ، މެދުމިނަށް ތާއީދު ކުރާ ވާތުފިޔައިގެ ޑިމޮކްރަޓިކް ޕާޓީ (PD)އާއި، އެންޓި އެސްޓޭބްލިޝްމަންޓް ފައިވް ސްޓާރ މޫވްމަންޓް (M5S) އެކުވެގެންނެވެ. ސިޔާސީ ޚިޔާލުތަފާތުވުން ބޮޑު ނަމަވެސް، މިޕާޓީތަކުން ވަނީ މިހާތަނަށް އިޓަލީގައި އާ އިންތިޚާބަކަށް ދިޔަނުދީފައެވެ. ސަބަބަކީ އަވަސް އިންތިޚާބަކަށް ގޮސްފިނަމަ، އޭގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ، ކަނާތުފިޔައިގެ ލީގު ޕާޓީއަށް ކަމަށް މިޕާޓީތަކުން ދެކޭތީއެވެ.

އިޓަލީގައި ފާއިތުވި އަހަރު ކޯވިޑް19 ފެތުރެން ފެށުމާއެކު ކޯންޓެ އަޅުއްވާފައިވާ ފިޔަވަޅުތަކާ ގުޅިގެން އޭނާއަށް އާންމުގެ މެދުގައި އޮތްތާއީދުވަނީ ވަރަށް ބޮޑަށް މަތިވެގެން ގޮސްފައެވެ. އަދި އޭނާއަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ، އަދި އެއްވެސް ސިޔާސީ ޕާޓިއަކާ ވަކި ޚާއްސަ ސިޔާސީ ގުޅުމެއްވެސް ނެތް ބޭފުޅަކަށް ވާއިރު، އިޓަލީގެ އާންމުންގެ މެދުގައި އަދިވެސް އޭނާއަށް އޮތްތާއީދު %50 ވުރެ މަތީގައި އުޅޭކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.