ސާރާ އަލީ ޚާން ޗުއްޓީއަށް ރާއްޖެއައިސް އިންސްޓަގްރާމުން ޗުއްޓީގެ ފޮޓޯއެއް ފުރަތަމަ ހިއްސާކުރީ އަންގާރަ ދުވަހުއެވެ. އޭނާ މިފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ދ. އަތޮޅުގައި އޮންނަ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓްގަ އެވެ.
އިންޑިއާގެ ގިނަ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައިވަނީ، ސާރާގެ މިފަހަރު ޗުއްޓީގައި، އޭނާ ފުރަތަމަ އާންމުކުރި ފޮޓޯތަކުގައި ލައިގެންހުރި ބީޗްވެއަރގެ އަގަށެވެ. ސާރާ އޭނާގެ ޗުއްޓީގެ ފޮޓޯތަށް އާންމުކުރުމާއެކު އިންޑިއާގެ މީޑިއާ ތަކުންބުނީ އޭނާ ލައިގެންހުރި ހެދުމުގެ އަގު ބައި ލައްކަ އިންޑިއާ ރުޕީސްއަށްވުރެ އަގު ބޮޑު ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އޭނާ ލައިގެން ހުރީ އިންޑިއާގެ މަޝްހޫރު ޑިޒައިނަރުން ކަމަށްވާ ޝިވަން އާއި ނަރެޝްގެ ބީޗްވެއަރ އެކެވެ. އެ ޑިޒައިންރުންގެ ރަސްމީ އެބްސައިޓްގައި ވާގޮތުން ސާރާ ލައިގެންހުރި ހެދުމުގެ ޖުމްލަ އަގު 52،900 އިންޑިއާ ރުޕީސް އަށް އަރައެވެ. އެއީ ޑޮލައުން ބަލާނަމަ ގާތްގަނޑަކަށް 725 ޑޮލަރެވެ. އަދި ދިވެހި ރުފިޔާ އިން ބަލާނަލަ ގާތްގަނޑަކަށް 11،180 ވަރަކަށް ރުފިޔާއެވެ.
ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ ދޮށީ ދަރިފުޅު ސާރާ މިދިޔަ އަހަރުވެސް ޖަނަވަރީ މަހު އޭނާގެ މަންމަ އާއި ކޮއްކޮ އިބްރާހީމް އަލީ ޚާނާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ. ސާރާ ރޭގައި އާންމުކުރި އިންސްޓަގްރާމް ޕޯސްޓުން އެނގެނީ މިފަހަރުވެސް މަންމަ އާއި ކޮއްކޮ އޭނާއާއެކު ރާއްޖޭގައި ޗުއްޓީހޭދަކުރަމުން ދާކަމެވެ.
ސާރާ ދެން އެންމެ އަވަހަށް ފެންނާނެ ފިލްމު "އަތުރަންގީ ރޭ"ގެ ޝޫޓިންގ މިހާރު ނިންމާލާފައި ވާއިރު މި ފިލްމުގައި އޭނާ ފެންނާނީ ސުޕަސްޓަރ އަކްޝޭ ކުމާރާއެކު އެވެ. ސާރާ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރެމިއަރ ކުރި ވަރުން ދަވަންގެ "ކޫލީ ނަމްބަރު 1″ އިންނެވެ. އޭނާ ބޮލީވުޑަށް ނުކުތީ 2018 ވަނަ އަހަރުގެ ފިލްމް "ކޭދަރުނާތު" އިންނެވެ.