އެމެރިކާގެ 46 ވަނަ، އަދި 78 އަހަރުފުޅުގައި މަގާމާ ހަވާލުވެ ވަޑައިގަންވާ، އެންމެ އުމުން ދުވަސްވީ ރައީސެއްގެ ގޮތުގައި ޖޯ ބައިޑްން އެމެރިމާގެ ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.
ޖޯބައިޑްން އެމެރިކާގެ ރައީސްކަމުގައި ހުވާކުރެއްވީ، ބުދަދުވަހުގެ މެދުރު އެމެރިކާގެ ގަޑިން 12:00 ގައި، ރައީސް ޖޯ ބައިޑްންއާއި އަދި ނާއިބުރައީސާ ކާމަލަާ ހެރިސް، މަގާމުގެ ހުވާ ކުރުމަށްޓަކާ، ގާނޫނު ހަދާ މަޖިލިސް، އެމެރިކާގެ ކެޕިޓަލް ހިލްގެ ބޭރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އެމެރިކާގެ 46 ވަނަ، އަދި 78 އަހަރުފުޅުގައި، އެގައުމުގެ ރައީސްކަން ކުރައްވާ އެންމެ އުމުރުން ދުވަސްވީ ރައީސެއްގެ ހައިސިއްޔަތުން ޖޯބައިޑްން މަގާމާ ހަވާލުވެ ވަޑައިގެންނެވިއިރު، މި ރަސްމިއްޔާތުގައި، ބައިޑްންގެ އަރިހުގައި ހުންނަވާއިގެން ނާއިބުރައީސްކަމުގެ ހުވާކުރެއްވީ، އެމެރިކާގެ ތާރީޚުގައި އެގައުމުގެ ނާއިބުރައީސްކަން ކުރައްވާ އެންމެ ފުރަތަމަ އަންހެން ބޭކަބަލަކަށް ވުމުގެ އިތުރުން، ކަޅުނަސްލަށް ނިސްބަތްވާ، ސައުތު އޭޝިއާދަރިކޮޅުން އެމެރިކާގެ ނައިބް ރައީސްކަމަށް ވަޑައިގެންވި ފުތަމަ ބޭފުޅާވެސް މެއެވެ.
މިމަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ގާނޫނުހަދާ މަޖިލިހަށް، ޓްރަމްޕަށް ތާއީދުކުރާ ފަރާތްކުން ހަމަލާދީ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ބައިޑްން ހުވާކުރާ ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 25،000 ސިފައިން ވަނީ ހަރަކާތްތެރި ވެފައެވެ.
އެމެރިކާގައި މިވަގުތު ކޯވިޑް19ގެ ހާލަތު އޮތްގޮތުން، އެހެން އަހަރުތަކުގައި ރިވެތި ލަވަތަކާއި އެކިއެކި އިވެންޓްތަކުން ޒީނަތްތެރި ކުރެވިގެން ބޭއްވޭ މި ކުލަގަދަ ރަސްމިޔާތު މިފަހަރު ބޭއްވިގެންދިޔައީ، މީހުން މަދު، އެހެން ފަހަރުތަކާ އަޅާބަލާއިރު، ފަޅު ރަސްމިއްޔާތެއްގެ ގޮތުގައެވެ. އަދި، މިމަހުގެ 6 ވަނަ ދުވަހު، ޓްރަމްޕަށް ތާއީދުކުރާ މީހުން ކެޕިޓަލް ހިލްއަށް ދިން ހަމަލާއަށްފަހު، މިރަސްމިއްޔާތު ސެކިއުރިޓީވެސް އޮތީ އެހެން ފަހަރުތަކާ ޚިލާފަށް ވަރުގަދަ ކުރެވިފައެވެ.
މުޅިން އާފެށުމެއް، ގޮންޖެހުންތައް އެހާމެ ބޮޑު
ޖޯ ބައިޑްންއާއި ކާމަލާ ހެރިސް އެމެރިކާގެ ސަރުކާރާ މިހަވާލުވީ، ހުރިހާ ގޮތަކުންވެސް އެމެރިކާ ބޮޑެތި ގޮންޖެހުންތަކެއްގެ ތެރޭގައި ވަނިކޮށެވެ.
2019 ވަނަ އަހަރު ނިމެމުންދަނިކޮށް މުޅި ދުނިޔެއަށް ފެތުރެންފެށި ކޯވިޑް19އަށް އަހަރެއް ފާއިތުވެގެން ދިޔައިރު، ދުނިޔޭގެ އެކިކަންކޮޅުތަކަށް މިރޯގާގެ އަސަރުކޮށް، އަދި މުޅި ދުނިޔެއިންވެސް، މިރޯގާގެ ގެއްލުން އެންމެ ބޮޑަށް ކޮށްފައިވާ ގައުމަކީ މިވަގުތު އެމެރިކާއެވެ.
މިގޮތުން މިހާތަނަށް އައިއިރު، އެމެރިކާގެ 24.3 މިލިއަން މީހުން ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، 402،000 މީހުންވަނީ އެގައުމުގައި މިބަލީގައި މަރުވެގެން ގޮސްފައެވެ.
މީގެ އިތުރުން، ކުރިއަރަމުން އައި އެމެރިކާގެ އިގުތިސާދު ވަނީ ކޯވިޑް19ގެ ސަބަބުން ވަޅުޖެހިފައެވެ. އިގްތިސާދީ މާހިރުން ލަފާކުރާ ގޮތުގައި، ކޯވިޑް19އަށް ހައްލެއް ނުލިބި 2 ވަނަ އަހަރަށް އަޅާފައިވާއިރު، މި ބަލީގެން ސަބަބުން ފާއިތުވެގެން މިދާ 2 އަހަރު ތެރޭގައި އެމެރިކާގެ އިގްތިސާދަށް 3 ޓްރިލިއަންއާއި5 ޓްރިލިއަންއާ ދެމެދުގެ އަދަދަކުން ގެއްލުން ލިބިގެން ދާނެއެވެ. އަދި މުޅި ޕެންޑަމިކްގެ ސަބަބުން %14.7 އާއި %23.8 އާއި ދެމެދުގެ އަދަކަށް އެމެރިކާގައި ވަޒީފާ ގެއްލިފައިވާ މީހުންގެ ނިސްބަތް މަތިވެގެން ދާނެއެވެ. އަދި ކޯވިޑް ހާލަތު އެމެރިކާގައި މިހާރު އޮތްވަރަށް ވުރެ ގޯސްވެގެން ގޮސް، އެންމެ ގޯސް ހާލަތުގައި ވަޒީފާ ގެއްލިފައިތިބި މީހުންގެ އަދަދު 36.5 މިލިއަނަށް އަރައިގެން ދިއުމުގެ ނުރައްކާ އެމެއިކާއަށް އޮތްކަމުގެ އިންޒާރުވެސް، ދުނިޔޭގެ އިގްތިސާދީ މާހިރުން ދަނީ ދެމުންނެވެ.
އަދި މީގެ އިތުރުންވެސް، ޖޯ ބައިޑްން އެމެރިކާގެ ރައީސްކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވި ދަޑިވަޅަކީ ސިޔާސީ ގޮތުންނާ އަދި އިޖްތިމާޢީ ގޮތުންވެސް އެމެރިކާގައި ބައިބައިވުން އުފެދި، ގައުމު އެއްބައިވަންތަ ކުރެވޭނެ ވަރުގެ ވެރިއަކަށް ނުހަނު ބޮޑަށް ބޭނުންވެފައި އޮތް ދަޑިވަޅެކެވެ.
އެމެރިކާގެ ޕޮލިހުންގެ މީހަކު، ކަޅު ނަސްލުގެ މީހެއްކަމުގައިވާ ޖޯޖް ފްލޮއިޑްގެ ކަރަށް ފައިންއެރުމުގެ ސަބަބުން އޭނާ މަރުވުމާއި ގުޅިގެން އެމެރިކާގައި އުފެދުނު ހަމަނުޖެހުންތަކާ އަދި މުޒާހިރާތަކުގެ އަސަރުތައް އަދިވެސް މަސްރަހުން ފިލައިގެނެއް ނުދެއެވެ. ހަމައެއާއެކު، މިމަހުގެ 6 ވަނަ ދުވަހު، ދައުރު ފުރިހަމަ ކުރައްވާ ވަޑައިގެންނެވި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން އެމެރިކާގެ ގާނޫނު ހަދާ މަޖިލިހަށް ދިން ހަމަލާތަކާއި އަދި، މީގެ އިތުރުން ޖޯ ބައިޑްން ހުވާކުރެއްވި ރަސްމިއްޔާތަށް ޓްރަމްޕް ވަޑައި ނުގަތުމުން އެކަނިވެސް، އެމެރިކާގެ ސިޔާސީ މަސްރަހުގައި ބައިބައިވުން އުފެދިފައި އޮތް މިންވަރު ވަރަށް ރަގަޅަށް ރަމްޒު ކޮށްދެއެވެ.
ހަމަ އެފަދައިން، ޖޯ ބައިޑްން ރައީސްކަމުގެ ހުވާ ކުރެއްވިއިރު، ޓްރަމްޕްގެ ދައުރުގައި އޭނާ ގެންގުޅުއްވި ހަރުކަށި ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން، ބައިނަލްއަގުވާމީ މަސްރަހުގައި، އެތައް ޒަމާނެއް ވަންދެން އެމެރިކާއިން ދަމަހައްޓަމުން އައި މަގާމަށް، އިއާދަ ނުކުރެވޭނޭ މިންވަރަށް ގެއްލުން ލިބި، ބަލިކަށިވެގެން ގޮސްފައިވާކަމަށްވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެމެރިކާއިން ގުޅުން ދަމަހައްޓަމުން އައި ގިނަ ގައުމުތަކާވެސް ގުޅުން ގޯސްވެ، އިންސާނީ ހައްގުތަކާ އަދި މިނޫނަސް މުޅިދުނިޔޭގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި، އެކުވެރި ގައުމުތަކާއެކު އެމެރިކާއަށް މަސައްކަތް ކުރަން އުދަގޫ ދަރަޖައަކަށް ގުޅުން ގޯސްވެގެން ގޮސްފައިވާކަން ޓްރަމްޕްގެ 4 އަހަރުގެ ވެރިކަމަށް ނަޒަރެއް ހިންގާލުމުން ވަރަށް ރަގަޅަށް ފެންނާން އެބައޮތެވެ.
އެހެންކަމުން އެމެރިކާގެ 46 ވަނަ ރައީސްގެ ހައިސިއްޔަތުން މަގާމުގެ ހުވާ ކުރައްވާއިރު، ޖޯބައިޑްންގެ ކުރިފުޅުމަތީގައި ހުރި ގޮންޖެހުންތައް ނުހަނު ބޮޑުވެފައި، ގިރާ ކުރަންޖެހޭ އުސްމިންތައް ނުހަނު އުހެވެ.
މަގާމާ ހަވާލު ވެވަޑައިގެންނެވީ ގިނަ ގުނަ ތަޖްރިބާ ތަކާއެކު
ޖޯ ބައިޑްން އެމެރިކާގެ ރައީސްކަމަށް ވަޑައިގެންނެވީ، ދުނިޔޭގައި މިވަތުއޮތް، އަސްކަރީ ގޮތުންނާ އަދި ސިޔާސީ ގޮތުންވެސް އެންމެ ބާރުގަދަ ގައުމުގެ އެންމެ އިސް މަގާމަށް ވަޑައިގަތުމަށް އެތައް ފަހަރެއްގެ މަތިން މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. އަދި 30 އަހަރަށްވުރެ ދިގު މުއްދަތަކަށް އެމެރިކާގެ ސެނެޓްގައި މަސައްކަތް ކުރެއްވުމަށް ފަހުއެވެ.
އެހެކަމުން، ސިޔާސީ މަސްރަހުގައި ބައިޑްން ހޭދަކުރެއްވި 30 އަހަރު ދިގު ހަޔާތުން ލިބިވަޑައިގެން ހުންނެވި ގިނަގުނަ ތަޖުރިބާތަކުގެ އަލީގައި، އެމެރިކާއަށް ކުރިމަތިވަފައިވާ ސިޔާސީ މައްސަލަތަކުގެ ހައްލު ބައިޑްން ހޯއްދަވާ ދެއްވާނެކަމުގެ ޔަގީންކަން ވަރަށް ގިނަ ބައެއް ހިތްތަކުގައި އެބައޮތެވެ.
ބައިޑްންގެ ގާތްފަރާތްތަކުން ކުރިންވެސް މައުލޫމާތު ދީފައިވާ ގޮތަށް، ހުވާކުރެއްވުމަށްފަހު، ގައުމާ މުޚާތަބް ކުރައްވާ ބައިޑްން ވާހަކަ ދައްކަވާފައިވަނީ ބައިގަޑިއެއްހާ އިރަށެވެ. މިވާހަކަ ފުޅުގައި، އޭނާގެ ކުރީގެ ރައީސްގެ ހަލަބޮލިކަމުން ފުރިގެންވާ ދައުރަށްފަހު، ހަމަޖެހުމާއި ގައުމުގެ އެއްބައިވަންތަކަމަށް ބައިޑްން ވަނީ ގޮވާލައްވާފައެވެ. އަދި ވިދާޅުވެފައިވަނީ، އޭނާއަކީ ޑިމޮކްރަޓުންގެވެސް އަދި ރިޕަބްލިކަނުންގެވެސް ރައީސެއް ނޫންކަމުގައެވެ. އޭގެ ބަދަލުގައި އޭނާ ޚިދމަތް ކުރައްވާނީ އެމެރިކާގެ ރައްޔިތުންނަށް ކަމުގައި ތަކުރާރުކޮށް ވިދާޅުވެފައި ވެއެވެ.
ޖޯބައިޑްން ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު، އެންމެ ފުރަތަމަ ދުވަހުވެސް، ޓްރަމްޕްގެ ވެރިކަމުގައި ނިންމަވާފައިވާ ބޮޑެތި ބައެއް މުހިންމު ނިންމެވުންތަކަށް ބަދަލު ގެންނެވުމުގެ ގޮތުން 17 ރިޔާސީ އަމުރުފުޅެއް ނެރުއްވާނެއެވެ. މީގެތެރޭގައި އެގައުމަށް މުސްލިމް ބައެއް ގައުމުތަކުގެ ރައްޔިތުންނަށް އެތެރެ ނުވެވޭގޮތަށް ނިންމަވާފައިވާ ނިންމެވުން ބާތިލް ކުރެއްވުންވެސް ހިމެނިގެން ދާއިރު، މި އަމުރުފުޅުތައް މައިގަޑު ގޮތެއްގައި އަމާޒުވެގެންދާނީ، އެމެރިކާ މިހާރު ހަގުރާމަ ކުރަމުންދާ ކޯވިޑް19ގެ ހާލަތުން އަރައިގަތުމަށާއި، އެމެރިކާގައި އޮތް ނަސްލީ ތަފާތު ކުރުންތައް ނައްތާލުމަށާއި އަދި މީގެ އިތުރުން ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށް އަމާޒު ކުރެވިގެންނެވެ.
އެހެންކަމުން ގަބޫލު ކުރެވޭ ގޮތުގައި، ބައިޑްންގެ ރިޔާސީ ދައުރު ފެށިގެންދާނީ، މުޅި ދުނިޔެއަށާއި އަދި އެމެރިކާގެ އެތެރޭގެ މަސްލަހަތަށްވެސް އޭނާގެ ފަރާތުން މުހިންމު މެސެޖްތަކެއް ދެއްވައިގެންނެވެ.
30 އަހަރުގެ ދިގު ހުވަފެނެއް
ބައިޑްން ވަނީ އެމެރިކާގެ ރައީސްކަމަށް ވަޑައިގަތުމަށް މީގެ ކުރިން އެތައް ފަހަރެއްގެމަތިން މަސައްކަތް ކޮށްފައެވެ.
އެންމެ ފުރަތަމަ ބައިޑްން އެމެރިކާގެ ރައީސްކަމަށް ކުރިމަތި ކެއްވީ 1987 ވަނަ އަހަރުއެވެ.
އެހެންނަމަވެސް، ކަންދިމާކުރި ގޮތުން، އެއަހަރުގެ ޑިމޮކްރަޓިކް ޕާޓީގެ ޕަރައިމަރީން ބައިޑްން ވަކިވެ ވަޑައިގަންނަވަން ޖެހިވަޑައިގަތީ، ކެމްޕޭންގައި ދެއްކެވި ވާހަކައެއް، އެހެން މީހަކު ދައްކަވާފައިވާ ވާހަކައެއް ކޮޕީ ކުރައްވައިގެން ދެއްކެވިކަމަށް ކުރެވިގެންދިޔަ ތުހުމަތު ތަކާއި ގުޅިގެންނެވެ.
އެންމެ ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސްކަމަށް ވާދަ ކުރެއްވިތާ 20 އަހަރުފަހުން، 2007 ވަނަ އަހަރު ބައިޑްން އަނެއްކާވެސް އެމެރިކާގެ ރައީސްކަމުގެ މަގާމަށް ވާދަކުރެއްވުމަށް ނިންމެވިއެވެ. މިގޮތުން، ބައިޑްން 2008 ވަނަ އަހަރުވެސް އެމެރިކާގެ ރައީސްކަމަށް ކުރިމަތި ލެއްވިއެވެ. އެހެންނަމަވެސް އެއަރުގެ ރިޔާސީ ޕްރައިމަރީގައި އެކަށީގެންވާ ތާއީދެއް ލިބިވަޑައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް، އޭރުގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެޑިޑޭޓް ބަރަކް އޮބާމާ އޭނާގެ ރަނިންގ މޭޓުގެ ގޮތުގައި އިޚްތިޔާރު ކުރެއްވީ ޖޯ ބައިޑްންއެވެ. އަދި އިންތިޚާބު ކާމިޔާބު ކުރައްވާ އޮބާމާގެ ދެދައުރުގައި އެމެރިކާގެ ނާއިބު ރައީސްކަން ކުރެއްވިއެވެ.
މިގޮތުން، ބައިޑްން އެމެރިކާގެ ނާއިބް ރައީސްކަން ކުރެއްވީ، އެންމެ ފުރަތަމަ އެމެރިކާގެ ރައީސްކަމަށް ވާދަކުރެއްވިތާ 20 އަހަރު ފަހުންނެވެ.
2016 ވަނަ އަހަރު، އޮބާމާގެ ދެވަނަ ދައުރު ނިމިދިއުމާކއެކު، އެއަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ވާދަ ކުރެއްވުމަށް ބައިޑްން ނިންމެވިއެވެ. އެހެންނަމަވެސް ވިސްނުން ބަދަލުކުރައްވާ، 2015 ވަނަ އަހަރު އޮކްޓޯބަރު މަހު، 2016 ވަނަ އަހަރުގެ ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަ ނުކުރައްވާނެކަން ބައިޑްން އިއުލާން ކުރެއްވިއެވެ.
މި އިންތިޚާބުގައި ވާދަ ނުކުރައްވަން ބައިޑްން ނިންމެވި މައިގަޑު ސަބަބަކީ، 2015 ވަނަ އަހަރުގެ މޭމަހު ބައިޑްގެ ދޮށީ ދަރިފުޅު ބޯ ސިކުޑީގެ ކެންސަރާއި ހަގުރާމަ ކުރުމަށްފަހު، އުމުރުން 46 އަހަރުގައި ދުނިޔެ ދޫކުރުމުގެ ފުން ހިތާމައިގެ ސަބަބުންނެވެ. މިކަން ބައިޑްން އިއުލާން ކުރެއްވީ ވައިޓް ހައުސްގެ ރޯސް ގާޑްންގައި، އަބިކަބަލުން ޖިލްއާއި އަދި ރައީސް އޮބާމާގެ ހާޒިރުގައި ހުންނަވައިގެންނެވެ.
އޭގެ 4 އަހަރު ފަހުން، 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ބައިޑްން އިއުލާން ކުރެއްވީ 2019 ވަނަ އަހަރުގެ އެޕްރިލް މަހުގެ 25 ވަނަ ދުވަހުއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވަމުން 3 މިނިޓާއި ބައިގެ ވަގުތުކޮޅަކަށް ދެއްވި މި ސްޓޭޓްމަންޓުގައި ބައިޑްން ވިދާޅުވީ، ރައީސް ޓްރަމްޕްގެ ރިޔާސަތުގައި ގައުމަށް އޮތް ނުރައްކާ މާކުރިންވެސް އެގިވަޑައިގެންނެވި ކަމަށެވެ. އަދި ގައުމު އަމާން އައްސޭރިއަކަށް ގެންނަންޖެހޭ ވަގު އައިސް ޖެހިއްޖެ ކަމުގައެވެ.
ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީއަށް ވެދެވަޑައި ގެންނެވުމަށްފަހު، ޕްރޮގްރެސިޕް ކެޑިޑޭޓެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އައި އެމެރިކާގެ ވާމަންޓް ސްޓޭޓުގެ ސެނެޓަރ ސޭންޑާސް އެންމެ ފަހުން ބަލިކުރައްވާ ބައިޑްން ޑިމޮކްރަޓިކް ޕާޓީގެ ޓިކެޓް ކަށަވަރު ކުރެއްވިއެވެ.
އަދި ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީގައި ރަނިންގ މޭޓެއްގެ ގޮތުގައި އަންހެން ބޭފުޅަކު އިޚްތިޔާރު ކުރައްވާނެކަމަށް ވެވަޑައިގެންނެވި ވައުދު ފުއްދަވާ، 2020 ވަނަ އަހަރުގެ އޮގްސްޓުމަހުގެ 11 ވަނަ ދުވަހު ބައިޑްން އޭނާގެ ރަނިންގ މޭޓެއްގެ ގޮތުގައި ކާމިލާ ހެރިސް ހަމަޖެއްސެވިކަން އިއުލާން ކުރެއްވިއެވެ.
2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުން
2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވުނު އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބޭއްވުނުތާ 4 ދުވަސްފަހުން، ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ބައިޑްން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ އެމެރިކާގެ 46 ވަނަ އިންތިޚާބީ ރައީސަށް ވެވަޑައިގެންނެވިއެވެ.
އިންތިޚާބުގެ ނަތީޖާ އިއުލާން ނުކުރެވި އޮތް އެންމެ ފަހުގެ ސްޓޭޓުކަމުގައިވާ ޕެންސެލްވީނިއާގެ ނަތީޖާއިން ރައީސް ޓްރަމްޕްގެ މައްޗަށް ކުރި ހޯއްދަވާ ބައިޑްން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ މުޅި އެމެރިކާގެ ތާރީޚުގައިވެސް އެންމެ ގިނަ އަދަދަކަށް ވޯޓު ހޯއްދެވި ރިޔާސީ ކްޑިޑޭޓުގެ ރެކޯޑާވެސް އެކީގައެވެ. މި އިންޔޚާބުގައި 74 މިލިއަނަށްވުރެ ގިނަ ވޯޓު ބައިޑްން ހޯއްދަވާފައި ވެއެވެ.
އެމެރިކާގެ ރައީސް ކަމަށް އެންމެ ފުރަތަމަ ބައިޑްން ވާދަކުރެއްވީ 1987 ވަނަ އަހަރުއެވެ. އެފަހަރު ނަން އަބުރާ ނެންގެވީއެވެ. އޭގެ ފަހުން 2007 ވަނަ އަހަރުވެސް ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރެއްވިއެވެ. އެހެންނަމަވެސް އެފަހަރުވެސް ނާކާމިޔާބު ވެވަޑައިގެންނެވީއެވެ.
އެންމެ ފުރަތަމަ އެމެރިކާގެ ރައީސްކަމަށް ވާދަކުރެއްވިތާ 30 އަހަރުފަހުން، ބައިޑްން މިވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. އަންނަ ޖެނުއަރީމަހު ބައިޑްން އެމެރިކާގެ 46 ވަނަ ރައީސްކަމުގެ ހުވާ ކުރައްވާނެއެވެ.
އެދުވަހަކީ ޖޯ ބައިޑްންގެ ދެކެވަޑައިގަންނަވަމުން އައި 33 އަހަރުވީ ހުވަފެނުގައި ހަގީގީ ކުލަ ޖެހިގެންދާނެ ދުވަހެވެ.