ސިޔާސީ އެތައް ހަމަނުޖެހުމަކާ، ނަސްލީ އެތަކެއް މައްސަލަތަކެއްގެ ތެރޭގައި އަދި، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް19ގެ އާލަމީ ވަބާއިން މިންޖުވާނެ މަގެއް ނުފެނި، މުޅި ގައުމު ހާސްކަމުގެ ތެރޭގައި އޮތް ދަނޑިވަޅުގައި، އެމެރިކާގެ 46 ވަނަ ރައީސެއްގެ ހައިސިއްޔަރުން، ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ކުލަގަދަ ރަސްމިއްޔާތަށް ހުރިހާ ތައްޔާރީތަކެއް ކޮށް ނިމިއްޖެއެވެ.
މި ރަސްމިއްޔާތުގައި، ބައިޑްގެ އަރިހުގައި ހުންނަވައިގެން، އެމެރިކާގެ ތާރީޚުގައި އެގައުމުގެ ނާއިބުރައީސްކަން ކުރައްވާނެ އެންމެ ފުރަތަމަ އަންހެން ބޭކަބަލެއްގެ ހައިސިއްޔަތުން، ކާމަލާ ހެރިސް ނައިބު ރައީސްކަމުގެ ހުވާ ކުރައްވާނެއެވެ.
މިރަސް މިއްޔާތު ފެށިގެންދާނީ ބުދަ ދުވަހު، އެމެރިކާގެ ގަޑިން މެންދުރު 12 ޖަހާއިރުއެވެ. އެވަގުތު ދިމާވާނީ، ރާއްޖޭގެ ގަޑިން ބުދަ ދުވަހުގެ ރޭގެ 10 އާއިއެވެ.
މިމަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ގާނޫނުހަދާ މަޖިލިހަށް، ޓްރަމްޕަށް ތާއީދުކުރާ ފަރާތްކުން ހަމަލާދީ ހިންގި ހަމަނުޖެހުމާ ގުޅިގެން، ބައިޑްން ހުވާކުރާ ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 25،000 ސިފައިން ހަރަކާތްތެރި ވުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު ބައިޑްން ހުވާކުރައްވާއިރު، 4 އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާ، އަދި މަގާމުގައި ހުންނަވަނިކޮށް ދެފަހަރަށް އިންޕީޗް ކުރެވިގެންދިޔައ ރައީސެއްގެ ހައިސިއްޔަތުން އެމެރިކާގެ ތާރީޚްގެ ތެރެއަށް ވެދެވަޑައިގެންނެވި، މިހާރުގެ ރައީސް ޑޮނަލްޑް ޓަރަމްޕް މީގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވައިޓް ހައުސް ދޫކުރައްވާ ފްލޮރިޑާއަށް ދަތުރު ކުރައްވަން ފައްޓަވާނެއެވެ.
ޓްރަމްޕް ވިދާޅުވެފައިވަނީ، ބައިޑްން ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައި ނުގަންނަވާނެ ކަމުގައެވެ.
ހުވާކުރެއްވުމަށް، ވޮޝިންގޓަން ޑިސީއަށް ބައިޑްން ވަޑައިގަތުމުގެކުރިން، މި ސިޓީގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ ނޭޝަނަލް ގާޑްގެ 12 ފުލުހަކުވަނީ، ޕްރެޒިޑެންޝަލް އިނަގޮރޭޝަން ސެކިއުރިޓީ މިޝަންއިން ވަކިކުރެވިފައެވެ. މި ފުލުހުން މިޝަންއިން ވަކިކުރެވިފައިވަނީ، މިމީހުންނާ ކަނާތު ފިޔައިގެ ހަގުރާމަވެރި ގްރޫޕްތަކާ ގުޅުންއޮތްކަމަށް ފާހަގަ ކުރެވިގެންނާ އަދި މީގެއިތުރުން އޮންލައިންކޮށް ފާޅުކޮށްފައިވާ ހައްދުފަހަނަ އަޅާފައިވާ ޚިޔާލުތަކާ ގުޅިގެންނެވެ.
ހުވާ ކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ދާނީ ކިހިނެއް؟
އެމެރިކާގެ 46 ވަނަ، އަދި 78 އަހަރުފުޅުގައި މަގާމާ ހަވާލުވެ ވަޑައިގަންވާ، އެންމެ އުމުން ދުވަސްވީ ރައީސެއްގެ ގޮތުގައި ޖޯ ބައިޑްން އެމެރިމާގެ ރައީސްކަމުގެ ހުވާ ކުރައްވާނީ، އެމެރިކާގެ ކެޕިޓަލް ހިލްގެ ބޭރުގައި ހުންނަވައިގެން، ބުދަދުވަހުގެ މެންދުރު ވުމުގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ.
އެމެރިކާގައި މިވަގުތު ކޯވިޑް19ގެ ހާލަތު އޮތްގޮތުން، އެހެން އަހަރުތަކުގައި ރިވެތި ލަވަތަކާއި އެކިއެކި އިވެންޓްތަކުން ޒީނަތްތެރި ކުރެވިގެން ބޭއްވޭ މި ރަސްމިޔާތު މިފަހަރު ބޭއްވިގެންދާނީ، މީހުން މަދު، އެހެން ފަހަރުތަކާ އަޅާބަލާއިރު، ފަޅު ރަސްމިއްޔާތެއްގެ ގޮތުގައެވެ. އަދި، މިމަހުގެ 6 ވަނަ ދުވަހު، ޓްރަމްޕަށް ތާއީދުކުރާ މީހުން ކެޕިޓަލް ހިލްއަށް ދިން ހަމަކާއަށްފަހު، މިރަސްމިއްޔާތު ސެކިއުރިޓީވެސް ވަނީ އެހެން ފަހަރުތަކާ ޚިލާފަށް ވަރުގަދަ ކުރެވިފައެވެ.
މިރަސް މިއްޔާތުގައި ބައިވެރި ވެވަޑައިގަންނަވާ ކުރީގެ ރައީސުންގެ ތެރޭގައި، ބައިޑްން އެބޭފުޅޭއްގެ ނާއިބް ރައީސްކަން ކުރެއްވި، ކުރީގެ ރައީސް ބަރަކް އޮބާމާއާއި، ކުރީގެ ރައީސް ބިލް ކުލިންޓަންގެ އިތުރުން ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ހިމެނިވަޑައި ގަންނަވާނެއެވެ.
ޓްރަމްޕަށް އަލްވަދާއު ކިއުމަށްޓަކާ، ވެރިރަށް ވޮޝިންގޓަންގެ ދުރުހިސާބެއްގައި، މިލިޓަރީ ބޭސްއެއްގައި ބޭއްވޭ ރަސްމިއްޔާތަކަށް ވަޑައިނުގެން، މިހާރުގެ ނާއިބުރައީސް މައިކް ޕެންސް ބައިވެރިވެ ވަޑައިގަންނަވާނީ، ޖޯ ބައިޑްންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައެވެ.
ބައިޑްންގެ ގާތްފަރާތްތަކުން މައުލޫމާތު ދޭގޮތުގައި، ހުވާކުރެއްވުމަށްފަހު، ގައުމާ މުޚާތަބް ކުރައްވާ ބައިޑްން ވާހަކަ ދައްކަވާނީ ބައިގަޑިއެއްހާ އިރަށެވެ. މިވާހަކަ ފުޅުގައި، އޭނާގެ ކުރީގެ ރައީސްގެ ހަލަބޮލިކަމުން ފުރިގެންވާ ދައުރަށްފަހު، ހަމަޖެހުމާއި ގައުމުގެ އެއްބައިވަންތަކަމަށް ބައިޑްން ގޮވާލައްވާނެއެވެ.
ބައިޑްން ހުވާކުރެއްވުމުގެ ކުޑަ ވަގުތުކޮޅެއްކުރިން، އޭޝިއާ ދަރިކޮޅަށް ނިސްބަތްވާ ކަޅުނަސްލުން ވަޑައިގެންނަވާ ފުރަތަމަ އަންހެން ނާއިބު ރައީސާއެއްގެ ހައިސިއްޔަތުން ކާމަލާ ހެރިން މަގާމުގެ ހުވާ ކުރައްވާނެއެވެ.
މިރަސްމިއްޔާތުގައި އެެމެރިކާގެ ގައުމީ ސަލާމް ކިޔުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ލަވަކިޔުންތެރިއާ ލޭޑީ ގަގާއެވެ. މި ރަސްމިއްޔާތުގެ މިއުޒިކީ ހަރަކާތްތަކުގައި މަޝްހޫރު ލަވަކިއުންތެރިންކަމުގައިވާ ޖެނިފަރ ލޮޕޭޒްއާއި ގާރތު ބްރޫކްސްވެސް ބައިވެރިވަޑައި ގަންނަވާނެއެވެ.
ހުވާކުރެއްވުމަށްފަހު، އެދުވަހުގެ ހަވީރުގެ ވަގުތެއްގައި، ވޮޝިންގޓަންގައި ހުންނަ ލިންކަން މެމޯރިއަލް ހޯލްގައި ބައިޑްގެ ޝަރަފުގައި، އެމެރިކާގެ މަޝްހޫރު ފިލްމީ ތަރިންނާ އަދި މިއުޒިކީ ފަންނާނުން ބާއްވާ ޚާއްސަ ޝޯއެއްގައި ބައިންޑްން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ހުވާ ކުރައްވާ ދުވަހުގެ ހެދުނުގެ ވަގުތެއްގައި، ރިޕަބްލިކަން ޕާޓީއާއި އަދި ޑިމޮކްރަޓިކް ޕާޓީއަށްވެސް ނިސްބަތްވާ، ގާނޫނު ހަދާ މަޖިލިހުގެ، އިސް 4 މެމްބަރަކާއެކީ ދީނީ އިހިތުފާލެއްގައި ބައިޑްން ބައިވެރިވެ ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.