ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 585.9 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބީއެމްއެލް މެދުވެރިކޮށް، ކޮވިޑް-19 އިކޮނޮމިކް ރިކަވަރީ ސްކީމްގެ ދަށުން 441 ފަރާތަކަށް 585.9 މިލިއަން ރުފިޔާއާއި 8 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައި ވެއެވެ.
އަދި ބުރާސްފަތި ދުވަހުގެ ނިޔަލަށް މި ލޯނަށްއެދި ޖުމުލަ 602 ފަރާތަކުން ހުށަހަޅާފައިވާ އިރު 20 ފޯމެއް ރިޖެކްޓުކޮށްފައި ވާކަމަށްވެސް ފިނޭންސުން ބުނެއެވެ. މީގެ އިތުރުން ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލޯނަށް އެދި ހުށަހަޅާފައިވާ 141 ފޯމެއް ރަނގަޅަށް ފުރިހަމަނުވާ ކަމަށް ވެސް ފިނޭންސުން ބުނެއެވެ.
ރިކަވަރީ ސްކީމްގެ މި ލޯނު ދޫކުރަނީ ކޯވިޑް-19 ބަލިމަޑުކަމާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ރިސޯޓްތަކާއި 2019 ވަނަ އަހަރު ޓާންއޯވާގެ ގޮތުގައި 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކުންފުނިތަކަށެވެ. މިއީ ރަހުނަކާއި ނުލައި 6 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި ތިން އަހަރު ދުވަހުން ދައްކާ ހަލާސް ކުރާ ގޮތަށް ދޫކުރާ ލޯނެކެވެ.
ކޮމެންޓު ފޮނުވާ