އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ފައްޔާޒު އިސްމާއީލް ގުޅިވަޑައިގެން، ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން "ބޮޑު ބަދަލު" ގެ ނަމުގައި ކަރުދާހެއް އަންނަ މަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްއަށް ހުށައަޅުއްވައިފި އެވެ.
އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް ބާއްވަން ނިންމާފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 1 އިން 3 އަށެވެ. ކޮންގްރެސްއަށް ހުށަހަޅާ އިސްލާހުތައް މިއަދު ވަނީ އާއްމުކޮށްފަ އެވެ. ނަޝީދާއި ފައްޔާޒުގެ ކަރުދާހަށް ތާއީދު ކުރެއްވީ ކުރީގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބެވެ.
އެ ކަރުދާހުގައި ބުނެފައި ވަނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ކޮންމެ ބޭފުޅަކު ވީ ނަމަވެސް، "ބޮޑު ބަދަލު"ގެ އެޖެންޑާ ކުރިއަށް ގެންދަން ޖެހޭ ގޮތަށް ކޮންގްރެސް މެދުވެރިކޮށް ފާސްކުރުމަށެވެ. އަދި ގާނޫނުއަސާސީ އިސްލާހުކޮށް، ބޮޑެތި ކަންކަން ނިންމުމުގައި ރައްޔިތުންގެ ރުހުން ހޯދުން ލާޒިމުކުރުމަށާއި، ރައީސާއި މަޖިލިސް މެމްބަރުން ވަކިކުރުމުގެ ސީދާ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް އޮނިގަނޑު ބައްޓަން ކުރުމަށް ވެސް ގޮވާލައިފައިވެ އެވެ.
ވެރިކަމުގެ އޮނިގަނޑަށް ފަސް ބަދަލެއް ގެންނަން ވަނީ ހުށައަޅާފަ އެވެ. އެގޮތުން ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރު ހިންގާ ވެރިޔާއަކީ ތަފާތު ދެ މަގާމަކަށް ހެދުމާއި، ސަރުކާރު ހިންގާ ވެރިޔަކީ ރައްޔިތުންގެ ސީދާ ވޯޓުން ހޮވާ، މަޖިލީހަށް ޖަވާބުދާރީވާ ވެރިޔަކަށް ހެދުން ހިމެނެ އެވެ. އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާ ކަމަށްވާ ރައީސުލްޖުމްހޫރިއްޔާއަކީ، މަޖިލީހާއި ކައުންސިލްތައް ފަދަ އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އަގުލަބިއްޔަތުން އައްޔަންކުރާ ބޭފުޅެއް ކަމަށް ކަނޑައެޅުން ވެސް ވަނީ ހިމަނާފަ އެވެ.
ކޮމެންޓު ފޮނުވާ