މަންތާ އެއާގެ އޭޓީއާރު ދަތުރުތައް މަދުކުރަމުން ދިއުމާ ގުޅިގެން، ގައުމީ އެއާލައިން މޯލްޑިވިއަނުން ކުޑަހުވަދޫ (ދާލު) އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށަން ނިންމައިފިއެވެ.
ކުޑަހުވަދޫ އެއާޕޯޓަކީ މަންތާ ހިންގާ ކުންފުނިން ހިންގަމުން އަންނަ އެއާޕޯޓަކަށްވުމުން، މިހާތަނަށް އެ އެއާޕޯޓަށް ދަތުރުކުރަމުން އައީ މަންތާ އެއާ އެކަންޏެވެ. ނަމަވެސް އެތެރޭގެ އުދުހުންތަކުގެ މާކެޓަށް އައި ބަދަލުތަކާ ގުޅިގެން މަންތާއިން ވަނީ އޭޓީއާރު 72 މަރުކާގެ ބޯޓުތަކުގެ ދަތުރުތައް މަދުކޮށް، ސީޕްލޭން އޮޕަރޭޝަން ފުޅާ ކުރުމަށް އިސްކަންދޭން ފަށާފައެވެ.
މޯލްޑިވިއަނުން ބުނިގޮތުގައި ކުޑަހުވަދޫއަށް ކޮންމެ ދުވަހަކު ފްލައިޓެއް ބާއްވާނެއެވެ. މި ދަތުރުތައް ފަށާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ޓިކެޓް ވިއްކުން މިހާރު ފަށާފައިވާއިރު، ޕްރޮމޯޝަން ފެއާގެ ގޮތުގައި 1،111 ރުފިޔާއަށް ޓިކެޓް ލިބޭނެއެވެ.
މި ބަދަލާއެކު މޯލްޑިވިއަންގެ ދަތުރުތައް ނުފެށޭ ހަމައެކަނި އެއާޕޯޓަކަށް ވާނީ ވިލާއިން ހިންގާ މާމިގިލި އެއާޕޯޓެވެ. ވިލާއިން ވެސް ވަނީ ޑިމާންޑް ކުޑަވުމާއި، އޮޕަރޭޝަނަލް އަދި މެއިންޓަނަންސް ހަރަދުތައް ބޮޑުވުމުގެ ސަބަބުން އޭޓީއާރު ދަތުރުތަކާއި ބޯޓުތައް މަދުކޮށްފައެވެ.
ކޮމެންޓު ފޮނުވާ