ޓްރަމްޕްގެ ތަސްވީރު ހިމެނޭ 1 ޑޮލަރުގެ ހަނދާނީ ފައިސާފޮއްޗެއް އެމެރިކާއިން ނެރެފި

ޓްރަމްޕްގެ ތަސްވީރު ހިމެނޭ 1 ޑޮލަރުގެ ހަނދާނީ ފައިސާފޮއްޗެއް އެމެރިކާއިން ނެރެފި

Author
އަހުމަދު
05 ސެޕްޓެމްބަރ 2026 09:51
0

އެމެރިކާގެ 250 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތަސްވީރު ހިމެނޭ 1 ޑޮލަރުގެ އާ ފައިސާފޮއްޗެއް އެމެރިކާއިން ނެރެފިއެވެ. މިއީ ވޭތުވެދިޔަ ގަރުނެއްހާ ދުވަހުގެ ތެރޭގައި ދުނިޔޭގައި ހުންނެވި އެމެރިކާގެ ރައީސެއްގެ ތަސްވީރު އެ ގައުމުގެ ފައިސާއެއްގައި ހިމެނި ފުރަތަމަ ފަހަރެވެ.

ޔޫއެސް މިންޓުން ބުނި ގޮތުގައި، މި ފައިސާފޮއްޗަކީ ގާނޫނީ ގޮތުން ބޭނުންކުރެވޭނެ ފައިސާއެއް ނަމަވެސް، ވިއްކަނީ ހަނދާނީ ފައިސާފޮއްޗެއްގެ ގޮތުގައެވެ. އެގޮތުން 25 ފައިސާފޮތީގެ ރޯލެއް 61 ޑޮލަރަށް، އަދި 100 ފައިސާފޮތީގެ ކޮތަޅެއް 154.50 ޑޮލަރަށް ވަނީ ވިއްކަން ފަށާފައެވެ.

ދުނިޔޭގައި ތިބޭ މީހުންގެ ތަސްވީރު ފައިސާގައި ޖެހުން އެމެރިކާގެ ގާނޫނުތަކުން އާންމުކޮށް މަނާކުރި ނަމަވެސް، ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި މި ފައިސާފޮތި ނެރެފައިވަނީ 2020 ވަނަ އަހަރު ފާސްކުރި ގާނޫނެއްގެ ދަށުންނެވެ. މީގެ ކުރިން 1926 ވަނަ އަހަރު އެމެރިކާގެ 150 ވަނަ އަހަރީ ދުވަހާ ގުޅިގެން އޭރުގެ ރައީސް ކެލްވިން ކޫލިޖްގެ ތަސްވީރު ހިމެނޭ ފައިސާފޮއްޗެއް ނެރެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފައިސާފޮތީގެ އެއް ފަރާތުގައި ޓްރަމްޕްގެ ތަސްވީރާއެކު "ލިބަޓީ" އަދި "1776 – 2026″ ލިޔެފައިވާއިރު، އަނެއް ފަރާތުގައި ވަނީ އެމެރިކާގެ ރިޔާސީ ނިޝާނާއި "250″ އެވެ. ރަން ކުލައިގައި ހުރި ނަމަވެސް، މީގައި އެއްވެސް ވަރަކަށް ރަން ނުހިމެނޭ ކަމަށާއި، މިއީ ލޮޔާއި ޒިންކް، މެންގަނީޒް އަދި ނިކަލް ބޭނުންކޮށްގެން ހަދާފައިވާ އެއްޗެއް ކަމަށް ޔޫއެސް މިންޓުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.