ނޭޕާލާއި ޗައިނާ ގުޅޭ ހިމާލަޔާ ސަރަޙައްދަށް މިދިޔަ ހަފުތާގައި ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 1,130 އަށް އަރާފައިވާއިރު، 4,500 އަށްވުރެ ގިނަ މީހުން އަދިވެސް ގެއްލިފައިވާ ކަމަށް އެ ޤައުމުގެ އިދާރާތަކުން ހާމަކޮށްފިއެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައި ވަނީ އޮގަސްޓު 26 ވަނަ ދުވަހު، ފަރުބަދަމަތީ ސަރަޙައްދަކުން ބޮޑު ގަނޑުފެންގަނޑެއްގެ ބަޔެއް ކަނޑައިގެން ދިޔުމުގެ ސަބަބުން، ހިމާލަޔާ ފަރުބަދައާ ގުޅިފައިވާ ކޯރުތަކަށް ކުއްލިއަކަށް ފެންބޮޑުވެ، ހިލައާއި، ގަނޑުފެނާއި، ކިސަޑު ފޭބުމުގެ ސަބަބުންނެވެ. މިހާތަނަށް 1,114 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، 292 މީހަކަށް އެކިވަރުގެ އަނިޔާވެ، 3,916 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އެ ޤައުމުގެ އޮފިޝަލުން ވިދާޅުވެއެވެ.
ފެންބޮޑުވި ސަރަޙައްދުތަކުން 12,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރެވިފައިވާއިރު، ސަލާމަތީ ޚިދުމަތްތަކުގެ 21,000 އަށްވުރެ ގިނަ މުވައްޒަފުން ދަނީ ސަލާމަތް ކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންނެވެ. މި ކާރިސާގެ ސަބަބުން ނޭޕާލުގެ 1.6 މިލިޔަނަށްވުރެ ގިނަ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު، ފަރުބަދަމަތިން ފޭބި ފެނުގެ ސަބަބުން އިތުރު ފެންބޮޑުވުމުގެ ނުރައްކާ އަދިވެސް އެބައޮތްކަމަށް ބުނެ، އިދާރާތަކުން ވަނީ އިންޒާރު ދީފައެވެ.
ކޮމެންޓު ފޮނުވާ