ކެނެޑާގެ ބައެއް އުފެއްދުންތަކުން އެމެރިކާއިން %50ގެ ޑިއުޓީ ނަގަން ފެށުމާ ގުޅިގެން، އެ ގައުމުގެ މުދަލުން ވެސް ހަމަ އެ އުސޫލުން ޓެރިފް ނަގާނެ ކަމަށް ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ އިއްޔެ އިއުލާނުކުރައްވައިފި އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ކާނީ ވިދާޅުވީ ކެނެޑާގެ މަސައްކަތްތެރިންނާއި ދަނޑުވެރިންނާއި އާއިލާތަކާއި ވިޔަފާރިތައް ހިމާޔަތްކުރުމަށްޓަކައި، ވޮޝިންޓަނުގެ ޓެރިފްތަކާ އެއްވަރަށް ބަދަލުހިފުމަކީ މަޖުބޫރު ކަމެއް ކަމަށެވެ. "ހަމަލާއެއް އައުމުން ތިބޭނީ ހަނގުރާމައެއްގެ ތެރޭގައި. އަހަރެމެންނަށް މިވަނީ ހަމަލާއެއް އައިސްފައި،" އޭނާ ވިދާޅުވި އެވެ.
އަންނަ މަހު 8ގައި އަމަލުކުރަން ފަށާ މި ޓެރިފްތައް އަމާޒުކުރެވޭނީ އެމެރިކާގެ ދަގަނޑު، ކިރުގެ ބާވަތްތައް، އިލެކްޓްރޯނިކްސް، ގޭތެރޭގައި ބޭނުންކުރާ ކަރަންޓު ސާމާނު، ދަނޑުވެރިކަމުގެ ވަސީލަތްތައް، ލަކުޑި ކުނޑި އަދި ގަސްކާނާ ފަދަ މުދަލަށެވެ.
ތިން ދުވަހުގެ މަޝްވަރާތަކުން އެއްބަސްވުމަކަށް ނާދެވުމުން، އެމެރިކާއިން ވަނީ ކެނެޑާއިން އެކްސްޕޯޓުކުރާ ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރުގެ މުދަލުން އާ ޓެރިފް ނަގަން ފަށާފަ އެވެ. މީގެ ތެރޭގައި ބަނގުރާ، ފަރުނީޗަރު، ސިމެންތި، އަންނައުނު އަދި ހޮކީ ސާމާނު ހިމެނެ އެވެ.
މަޝްވަރާތައް ފެއިލްވުމުގެ ޒިންމާ ކާނީ އެޅުއްވީ އެމެރިކާގެ މައްޗަށެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ހުށަހެޅުންތަކަކީ އިގްތިސާދީ ގޮތުން ފައިދާއެއް ނެތް، ބޭއިންސާފު އަދި ކެނެޑާގެ މަސްލަހަތަށް ގެއްލުންހުރި ކަންތައްތަކެއް ކަމަށެވެ. "އެ މީހުން ހުށަހެޅި ކަންކަން އަހަރެމެންނަކަށް ގަބޫލެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް ޖޭމިސަން ގްރިއާ މި ހާލަތު ސިފަކުރެއްވީ ކެނެޑާއަށް ގެއްލުނު ފުރުސަތެއްގެ ގޮތުގައި ކަމަށާއި، އިތުރު މަޝްވަރާތަކެއް ރޭވިފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ކާނީ ވިދާޅުވި ގޮތުގައި، ޓެރިފްތަކުގެ އަސަރުކުރާ ސިނާއަތްތަކަށް އެހީވުމުގެ ފިޔަވަޅުތައް އޮޓަވާއިން ވަރަށް އަވަހަށް އިއުލާނުކުރާނެ އެވެ. މި ހަނގުރާމައިގެ ސަބަބުން އެމެރިކާ-މެކްސިކޯ-ކެނެޑާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ކުރިމަގަށް ވެސް ހިޔަނި އެޅޭނެ ކަމަށް ބެލެވެ އެވެ.
ކޮމެންޓު ފޮނުވާ