މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ)އަށް 2025ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 62 މިލިޔަން ރުފިޔާ ލިބިއްޖެއެވެ. މިއީ އޭގެ ކުރީ ކުއާޓަރުގައި ލިބުނު 13 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %370 އިތުރު އަދަދެކެވެ.
އެ ކުންފުނިން އާންމުކުރި މާލީ ރިޕޯޓު ދައްކާގޮތުން ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 724 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ 3ވަނަ ކުއާޓަރާ އަޅާބަލާއިރު %44.5 އިތުރު އަދަދެކެވެ. ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 69 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ހިންގުމުގެ ޚަރަދުތައް ވަނީ 101 މިލިޔަން ރުފިޔާއަށް އަރާފައެވެ.
އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކޮންސްޓްރަކްޝަނާއި ޑްރެޖިންގ ދާއިރާއިންނެވެ. އެ ދާއިރާއިން 589.46 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ޓްރޭޑިންގ ދާއިރާއިން 92.08 މިލިޔަން ރުފިޔާ އަދި ޓްރާންސްޕޯޓް ދާއިރާއިން 38.23 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
މި ކުއާޓަރުގައި ޖުމްލަ 479 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، 301.69 މިލިޔަން ރުފިޔާގެ ހަތް މަޝްރޫޢެއް ވަނީ އެއްކޮށް ނިންމާލާފައެވެ. މީގެ އިތުރުން 63 މަޝްރޫޢެއްގެ އަމަލީ މަސައްކަތް އަލުން ފަށައި، 1.51 ބިލިޔަން ރުފިޔާގެ އައު 111 މަޝްރޫޢެއްގައި ވަނީ ސޮއިކޮށްފައެވެ.
ކޮމެންޓު ފޮނުވާ