ތަޙުޤީޤު މަރުޙަލާގައި ހައްޔަރުކުރެވި، ޙުކުމެއް އިއްވުމެއް ނެތި ބަންދުގައި ބައިތިއްބާ މީހުންގެ އަދަދު ދުނިޔޭގައި އެންމެ ދަށް ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
މިކަން ނިންމާފައި ވަނީ ފާއިތުވި އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައެވެ.
"ވާނުވާ ބަންދުގައި" މީހުން ބޭތިއްބުމުގެ މައްސަލައަށް ނިމުމެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިއްމު ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެ ކުރިން "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ، މި މައްސަލައަށް އޮތް އެންމެ ދާއިމީ ޙައްލަކީ މައްސަލަތައް ބަލައި ނިންމުމުގެ ދުވެލި އަވަސްކުރުން ކަމަށެވެ.
އެގޮތުން ޝަރުޢީ ދާއިރާގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ޖާގައާއި ވަޞީލަތުގެ ގޮތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ހުށަހެޅޭ މައްސަލަތައް އިންޞާފުވެރިކަމާއެކު އަވަހަށް ބަލައި ނިންމުމަކީ ޝަރުޢީ ދާއިރާއިން ކުރައްވަންޖެހޭ މުހިއްމު ކަމެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ