އަތޮޅުތެރޭގެ ފިހާރަތައް ވެސް ހިމެނޭ ގޮތުން، ރާއްޖޭގައި ހިންގާ ހުރިހާ ވިޔަފާރިތަކަށް "އަގުމަގު" ޕޯޓަލްގައި ރަޖިސްޓަރީވުމުގެ ފުރުޞަތު އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.
މި އަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު ތަޢާރަފުކުރި މި ޕޯޓަލްގައި މީގެ ކުރިން ފެންނަން ހުރީ ހަމައެކަނި މާލެ ސަރަޙައްދުގެ ފިހާރަތަކުގެ އަގުތަކެވެ. ނަމަވެސް އަލަށް ނެރުނު މޯބައިލް އެޕްލިކޭޝަނާ އެކު، މިހާރު ވަނީ އަތޮޅުތެރޭގެ ވިޔަފާރިތަކަށް ވެސް މި ޕްލެޓްފޯމާ ގުޅުމުގެ މަގު ތަނަވަސްވެފައެވެ.
ވުޒާރާއިން ސޯޝަލް މީޑިއާގައި ޢާއްމުކުރި މަޢުލޫމާތަށް ބަލާއިރު، ވިޔަފާރިވެރިންނަށް ޕޯޓަލްގައި ރަޖިސްޓަރީވެވޭނީ ކިޔުއާރު ކޯޑެއް ސްކޭންކޮށްލައިގެން، ނުވަތަ agumagu.trade.gov.mv ވެބްސައިޓަށް ވަދެގެންނެވެ. މީގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ވިޔަފާރިކުރާ އެތައް ހާސް ބަޔަކަށް، ފިހާރަތަކުގައި ހުރި މުދަލުގެ އަގުތަކާއި ސްޓޮކް ހުރި މިންވަރު ވަގުތުން ފެންނަން ފަށާނެއެވެ.
އާންމުން ދުވަހުން ދުވަހަށް ބޭނުންކުރާ ތަކެތީގެ އެންމެ ފަހުގެ އަގުތައް އެއް ޕްލެޓްފޯމަކުން ފެންނަ ގޮތަށް ފަރުމާކޮށްފައިވާ މި އެޕްލިކޭޝަނުން، ބާޒާރުގައި ތަކެތި ވިއްކާ އެންމެ ހެޔޮ އަގާއި، އެންމެ ބޮޑު އަގުގެ އިތުރުން މެދުމިންވަރެއްގެ އަގު ވެސް ކަސްޓަމަރުންނަށް ފެންނާނެއެވެ. މީގެ އިތުރުން، ފާއިތުވި 10 ދުވަހުގެ ތެރޭގައި މުދަލުގެ އަގުތަކަށް އައިސްފައިވާ ބަދަލުތައް ވެސް މި އެޕްލިކޭޝަނުން ދެނެގަނެވޭނެ ކަމަށް ވުޒާރާއިން ބުނެއެވެ.
ޕްލެޓްފޯމުގައި ހިމަނާފައިވާ ތަކެއްޗަކީ ދިވެހިރާއްޖެއާއި ބައިނަލްއަޤުވާމީ މިންގަނޑުތަކުގެ މައްޗަށް ބިނާކޮށް، ކަމާ ބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ ލިސްޓެއްގައި ހިމެނޭ ބާވަތްތަކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ ދިވެހި ރައްޔިތުންނަށް އަތްފޯރާ ފަށުގައި އަސާސީ ބާވަތްތައް ލިބޭނެ ފަހި މާޙައުލެއް ޤާއިމުކޮށްދިނުމެވެ.
ކޮމެންޓު ފޮނުވާ