އީރާނާ އެކު ކުރި ހަނގުރާމައިގައި ބޭނުންކުރި މިސައިލާއި އެއާ-ޑިފެންސް އިންޓަސެޕްޓަރުތަކުގެ ސަބަބުން އެމެރިކާގެ ހަތިޔާރު ރިޒާވް ބޮޑުތަނުން ދަށަށް ގޮސްފައިވާތީ، ހަތިޔާރު އުފެއްދުން އަވަސްކުރުމަށް އެގައުމުގެ ދިފާއީ ކުންފުނިތަކަށް ވޮޝިންޓަނުން އަންގައިފި އެވެ.
ޑެޕިއުޓީ ޑިފެންސް ސެކްރެޓަރީ ސްޓީވް ފެއިންބާގް ސިނާއީ ވެރިންނަށް ފޮނުއްވި މެމޯއެއްގައި ވަނީ، މުހިންމު ހަތިޔާރުތައް އަވަހަށް ފޯރުކޮށްދިނުމަށާއި އުފައްދާ މިންވަރު އިތުރުކުރުމަށް ހުށަހަޅާ ހުށަހެޅުންތައް 21 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އަންގަވާފަ އެވެ. "އަހަރުތަކަކަށް ދެމިގެންދާ ތަރައްގީގެ ސައިކަލްތަކަކީ ގަބޫލުކުރެވޭނެ ކަންކަމެއް ނޫން. ޕްރޮގްރާމް ތާވަލުތައް އިންތިހާއަށް އަވަސްކޮށް، އުފެއްދުމުގެ ގާބިލުކަން މިހާރުން މިހާރަށް ފުޅާކުރަންޖެހޭ،" އޭނާ ލިޔުއްވާފައިވެ އެވެ.
ސެންޓަރު ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) އިން ހެދި ދިރާސާތަކުން ދައްކާ ގޮތުގައި، އީރާން ހަނގުރާމައިގެ ކުރިއާ އަޅާބަލާއިރު އެމެރިކާގެ ޕޭޓްރިއޮޓް އިންޓަސެޕްޓަރުގެ ރިޒާވް ވަނީ %65 އަށް ދަށަށް ގޮސްފަ އެވެ. އަދި ތާޑް އިންޓަސެޕްޓަރުގެ އިންވެންޓްރީ ވަނީ ހަނގުރާމައިގެ ކުރީގެ މިންވަރަށްވުރެ %38 ދަށުގަ އެވެ.
ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ވިދާޅުވީ، މި އިސްނެގުމަކީ އެމެރިކާގެ ދިފާއީ ސިނާއީ ބޭސް އަލުން އާރާސްތުކުރުމަށް ހިންގާ ފުޅާ ޕްރޮގްރާމުގެ ބައެއް ކަމަށާއި، ނުރައްކާ އޮތް މިންވަރާ އެއްވަރަށް އަސްކަރިއްޔާއަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
އެހެންނަމަވެސް، އެމެރިކާއަށް ހަތިޔާރުގެ ދަތިކަމެއް ކުރިމަތިވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދޮގުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެ ގައުމުގައި ގިނަ އަދަދެއްގެ ހަތިޔާރު އެބަހުރި ކަމަށާއި ދިފާއީ ކުންފުނިތަކުން އުފައްދާ މިންވަރު ވެސް އިތުރުކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް މާހިރުން ދެކޭ ގޮތުގައި، ދަށަށް ގޮސްފައިވާ ރިޒާވް އަލުން އެކުލަވާލުމަށް އަހަރުތަކެއް ނަގާނެ އެވެ. އެމެރިކާގެ މެރިން ކޯގެ ރިޓަޔާޑް ކާނަލް މާކް ކެންސިއަން ސިފަކުރެއްވި ގޮތުގައި، މިސައިލް އިންޓަސެޕްޓަރުތައް މަދުވުމަކީ ބޮޑު ނުރައްކަލެކެވެ. "އެމެރިކާގެ އަސްކަރިއްޔާގެ އަތުގައި ގިނަ [އިންޓަސެޕްޓަރުތަކެއް] ބާކީއެއް ނެތް. ބަދަލުގައި ބޭނުންކުރެވޭނެ ރަނގަޅު ވަސީލަތްތަކެއް ވެސް ނެތް. ޕޭޓްރިއޮޓް ހުސްވެއްޖެ ނަމަ، ދެން މިސައިލްތައް ދާނީ އަމާޒަށް،" އޭނާ ވިދާޅުވި އެވެ.
މިސައިލް ޑިފެންސް ސިސްޓަމްތަކުގައި ބޭނުންކުރާ ބައިތައް އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި ޕެންޓަގަންއިން ވަނީ ދިފާއީ ކުންފުނިތަކާ އެކު މިހާރު ވެސް އެއްބަސްވުންތަކަށް އައިސްފަ އެވެ.
ކޮމެންޓު ފޮނުވާ