މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) ގައި ބޭނުންކޮށްފައި ބާވެފައިވާ ނުވަ ބަހެއް، މާދަމާ ފަށާ ނީލަމެއްގައި ވިއްކާލަން އެ ކުންފުނިން އިއުލާންކޮށްފި އެވެ.
އެ ކުންފުނިން ބުނިގޮތުގައި ނީލަމަށް ލާ ބަސްތަކުގެ ތެރޭގައި ހިމެނެނީ ވޯލްވޯ ބްރޭންޑްގެ ދެ ބަހަކާއި، މޭން ބްރޭންޑްގެ ދެ ބަހެއްގެ އިތުރުން އަޝޯކް ލޭލެންޑްގެ ފަސް ބަހެކެވެ. ކޮންމެ ބަހެއްގެ ފެށޭ އަގަކީ 25,000 ރުފިޔާ ކަމަށާއި، އަގު އިތުރުކުރާ ނަމަ މަދުވެގެން 10,000 ރުފިޔާ އިތުރު ކުރަން ޖެހޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 10,000 ރުފިޔާ އެ ކުންފުނީގެ ބޭންކް އެކައުންޓަށް ޖަމާ ކުރުމަށްފަހު، ހުށަހަޅާ އަގުގެ ސިޓީ ފޮނުވަން ޖެހޭނީ ހެންވޭރު ސޯމިލްގައި ހުންނަ އެ ކުންފުނީގެ ޓްރޭޑިން ޑިވިޝަނަށެވެ.
ނީލަން ކުރިއަށްދާ ގޮތް ހާމަކުރަމުން އެ ކުންފުނިން ބުނީ ކޮންމެ ދުވަހަކުވެސް ހުށަހެޅޭ އެންމެ މަތީ އަގު، މެންދުރު 12:00 ގެ ފަހުން ޓްރޭޑިން ޑިވިޝަނުގެ ނޯޓިސް ބޯޑުން ފެންނަން ހުންނާނެ ކަމަށެވެ. އަދި ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން ދެ ދުވަހު އެއް އަގެއްގައި އޮވެއްޖެ ނަމަ، އެ އަގު ހުށަހެޅި ފަރާތަކަށް ނީލަން ކާމިޔާބުވީ ކަމުގައި ބަލާނެ އެވެ. މި ނީލަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް، އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެ ކުންފުނިން އެދިފައިވެ އެވެ.
ކޮމެންޓު ފޮނުވާ