ފަވަރަ-ޔޫޕީއައި ގުޅާލުމަކީ ދެ ގައުމުގެ އިގްތިސާދީ ގުޅުމަށް ލިބުނު ބޮޑު ކުރިއެރުމެއް: އިކޮނޮމިކް މިނިސްޓްރީ

ފަވަރަ-ޔޫޕީއައި ގުޅާލުމަކީ ދެ ގައުމުގެ އިގްތިސާދީ ގުޅުމަށް ލިބުނު ބޮޑު ކުރިއެރުމެއް: އިކޮނޮމިކް މިނިސްޓްރީ

Author
އަހުމަދު
31 ޖުލައި 2026 01:47
0

ރާއްޖޭގެ ފަވަރަ ނިޒާމާއި އިންޑިއާގެ ޔޫޕީއައި ގުޅާލުމަކީ ދެ ގައުމުގެ ދެމެދު އޮތް އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނެފިއެވެ.

މި ދެ ނިޒާމު ގުޅާލުމުގެ ފުރަތަމަ މަރުހަލާގެ ދަށުން، 'ފޮރިން އިންވާޑް ރެމިޓެންސް' (އެފްއައިއާރް)ގެ ޚިދުމަތް މިހާރު ވަނީ ރަސްމީކޮށް ފަށައިފައެވެ. މި ޚިދުމަތުގެ ދަށުން، ރާއްޖޭގައި ތިބެގެން އިންޑިއާގައި ތިބި ފަރާތްތަކަށް ވަގުތުން، ރައްކާތެރިކަމާއެކު އަދި ކުޑަ ޚަރަދެއްގައި ފައިސާ ފޮނުވުމުގެ މަގު ފަހިވެގެންދާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދެ ގައުމުގެ އިގްތިސާދީ ގުޅުން ބަދަހިކޮށް، ޑިޖިޓަލް ވަސީލަތްތަކުން ދެ ގައުމު ގުޅާލައި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށް ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

މިނިސްޓްރީން ބުނާ ގޮތުގައި، މި މަޝްރޫއުގެ ދެން އޮތް މަރުހަލާގައި ހަމަޖެހިގެންދާނީ އިންޑިއާއިން ރާއްޖެއަށް ވަގުތުން ފައިސާ ފޮނުވޭނެ އިންތިޒާމެވެ. އޭގެ ފަހުން 'ކިއު.އާރް ކޯޑް' މެދުވެރިކޮށް ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ މަގު ފަހިވުމާއެކު، ރާއްޖެ ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންނަށް ފަސޭހަކަމާއެކު ރާއްޖޭގެ ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ގޮތް ފަހިވެ، ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތްތަނުގައި މި ޕްލެޓްފޯމް މެދުވެރިކޮށް ވިޔަފާރިތަކުގެ މެދުގައި މުއާމަލާތްކުރެވޭ (ބީޓޫބީ ޕޭމަންޓްސް)ގެ ޚިދުމަތް ތައާރަފުކުރުމަށްވެސް ވަނީ އަމާޒު ހިފައިފައި ކަމަށާއި، މިއީ ދެ ގައުމުގެ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކޮށް، 'އިންޑިއާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓަށް' ބޮޑު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.