ބޮޑުތަކުރުފާނު މަގުގެ މަޝްރޫއު އެއްކޮށް ނިމިގެންދާއިރު، ލޯންޗުތައް ބަނދަރު ކުރާ ސަރަހައްދުގައި ހަތް ޖެޓީއެއް ގާއިމު ކުރެވިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ލޯންޗު ބަނދަރު ކުރާ ސަރަހައްދުގައި ކުދިކުދި ހަތް ޖެޓީއެއް ހަދާނެ ކަމަށާއި، އެއީ އެއް ޖެޓީގެ ގޮތުގައި ތަރައްގީކުރެވޭ ޖެޓީތަކެއް ކަމަށެވެ.
މިހާރު ލޯންޗު ބަނދަރު ކުރެވެނީ އެއް ލޯންޗު ކައިރީ އަނެއް ލޯންޗު ބާއްވައި، ލޯންޗުތަކުގެ މަތިން ފުންމައި އެއްގަމަށް އަރާ ގޮތަށް ކަމަށާއި، ނަމަވެސް އައު ޖެޓީތައް ގާއިމުވުމުން ހުރިހާ ލޯންޗެއްވެސް ސީދާ ޖެޓީއަށް ބަނދަރު ކުރެވި، ފަސޭހަކަމާއެކު ފައިބައި އެއްގަމަށް އެރޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހުރިހާ ކަމެއް ނިންމުމަށްފަހު މަގު ހުޅުވުމުގެ ބަދަލުގައި، އަވަހަށް މަގު ހުޅުވާލީ އާންމުންނަށް ފަސޭހަކޮށްދިނުމުގެ ބޭނުމުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގުގެ ބާކީ އޮތް ފޭސްއާއި ރިންގް ރޯޑްގެ ބާކީ ފޭސްގެ މަސައްކަތް ނިންމާލުމަށް ސަރުކާރުން ޓާގެޓް ކުރަނީ މި އަހަރުގެ ނޮވެމްބަރު ނިމޭ ހިސާބަށެވެ. އެ މުއްދަތުގެ ތެރޭގައި ބޭރު މަގާއި ފަޅު ތެރޭގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ދިވެހި ވަންތަ ސިފަ ދެއްކުމުގެ ގޮތުން ވޯޓާ ފްރޮންޓަށްވާ ފަރާތުގައި އެއްކޮށް ދިވެހި ރުއް އިންދާނެ ކަމަށާއި، މަގޫ ފަދަ ދިވެހި ގަސްތައްވެސް އެ ސަރަހައްދުގައި އިންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގުގެ މަޝްރޫއަކީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގާއި ފަޅު ތެރެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ. މިދިޔަ އަހަރުގެ އޯގަސްޓް 21 ގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިއިރު، މިހާރު އުތުރު ފަރާތުގެ ބައި ނިންމައި އާންމު ދަތުރުފަތުރަށް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، އެމްއެމްއޭ ސަރަހައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް އޮތް ބައި ފުރަތަމަ ނިންމައި، ފަހުން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށްވެސް ވަނީ ހުޅުވާލެވިފައެވެ. ބާކީ އޮތީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮތް ބައެވެ.
ކޮމެންޓު ފޮނުވާ