އީރާނާއެކު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އެ ގައުމުގެ ބްރިޖްތަކާއި މަދަނީ އެހެން ތަންތަނަށް ހަމަލާ ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ، އީރާނުގެ ޕިކްއެކްސް ފަރުބަދައާއި ބްރިޖްތަކާއި އެހެނިހެން މަދަނީ ތަންތަނަށް އަމާޒުކޮށް ހަމަލާތައް ދޭން ޖެހިދާނެ ކަމަށެވެ. ނަމަވެސް، މިވަގުތު މަޝްވަރާތައް ދަނީ ވަރަށް ރަނގަޅަށް ކަމަށާއި، އީރާނާއެކު އޮތް ގުޅުން މިހާރު އޮތީ "ވަރަށް ވަރުގަދަ ހާލަތެއްގައި" ކަމަށް އޭނާ ފާހަގަކުރިއެވެ.
"ޕިކްއެކްސް ފަރުބަދައަކީ މާ ބޮޑު އެއްޗެއް ނޫން. އަހަރުމެން މިހާރު މިތިބީ އީރާނާ އެކު ވަރަށް ވަރުގަދަ ހާލަތެއްގައި،" ޓްރަމްޕް ބުންޏެވެ.
ހަމަ އެއާއެކު، އީރާނުގެ ޕަވާ ޕްލާންޓްތަކާއި ބްރިޖްތައް ފަދަ މުހިންމު އިންފްރާސްޓްރަކްޗާތަކަށް ހަމަލާ ނުދޭން އޭނާ އިސްކަން ދޭނެ ކަމަށްވެސް ޓްރަމްޕް ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން އެކަން ކުރާކަށް،" އޭނާ ބުނެފައިވެއެވެ.
ޓްރަމްޕްގެ މި ވާހަކަތައް އައިސްފައި މިވަނީ، މިމަހުގެ 8 ވަނަ ދުވަހު އެމެރިކާއިން އިސްވެ އީރާނަށް ދޭން ފެށި ހަމަލާތައް، ޓްރަމްޕްގެ އެންގުމާ އެއްގޮތަށް މިމަހުގެ 23 ވަނަ ދުވަހު މެދުކަނޑާލާފައިވަނިކޮށެވެ.
ކޮމެންޓު ފޮނުވާ