ކަނޑުމަތީގެ ސަލާމަތުގައި ރާއްޖެއާއެކު މަސައްކަތް ފުޅާކުރަން ބޭނުންވޭ: ރޫބިއޯ

ކަނޑުމަތީގެ ސަލާމަތުގައި ރާއްޖެއާއެކު މަސައްކަތް ފުޅާކުރަން ބޭނުންވޭ: ރޫބިއޯ

Author
އަހުމަދު
26 ޖުލައި 2026 01:06
0

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ރާއްޖެއާއެކު ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ނެރުއްވި ބަޔާނުގައި، ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވުމާއެކު، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. މިއަހަރަކީ ރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށްވެސް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ރޫބިއޯ ވިދާޅުވީ، މި ދިގު މުއްދަތުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުމުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ތަނުގައި މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށެވެ. އެގޮތުން ޚާއްސަކޮށް ފާހަގަކުރައްވާފައި ވަނީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާ ކަމަށާއި، މި ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެމެރިކާއިން އުންމީދުކުރާ ކަމުގައެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދު ސުލްހަވެރި އަދި ހަމަޖެހޭ ސަރަހައްދެއްގެ ގޮތުގައި ދެމެހެއްޓުމުގައި ރާއްޖެއިން އަދާކުރާ ދައުރު ބަލައިގަންނަ ކަމަށްވެސް ރޫބިއޯ ފާހަގަކުރެއްވިއެވެ. "ކަނޑުމަތީގެ ސަލާމަތާ ގުޅުންހުރި މުހިންމު މައްސަލަތަކުގައާއި، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުން ދެމެހެއްޓުމުގައި އަޅުގަނޑުމެންގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އުންމީދުކުރަން،" ރޫބިއޯގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި އެމެރިކާގެ ރައްޔިތުންގެ ނަމުގައި ދިވެހިންނަށް ކާމިޔާބީއާއި ފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.