މާލޭ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ނުނިމިހުރި ބައިތައް، މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޕީއެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮތް ބައި، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމާލުމަށް އަމާޒުހިފާފައިވާ ކަމަށެވެ. މި ޕޯސްޓާއެކު އެ ސަރަހައްދު ތަރައްގީކުރާނެ ގޮތުގެ ކުރެހުންތަކާއި ވީޑިއޯއެއް ވެސް ރައީސް ވަނީ އާންމުކުރައްވާފައެވެ. އެއިން ފެންނަގޮތުގައި، ލަފާ ފުރާ އުޅަނދުފަހަރު ފަސޭހައިން ކައިރިކުރެވޭ ގޮތަށް ކުދި ޖެޓީތަކެއް އެ ސަރަހައްދުގައި ގާއިމުކުރެވިގެންދާނެއެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، ބޮޑުތަކުރުފާނު މަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން މާލެ ވަށައިގެން އޮންނަ ރިންގުރޯޑް ހެދުމުގެ މުޅި މަޝްރޫއު އެއްކޮށް ނިމުމަކަށް އަންނާނެއެވެ. މި ފިޔަވަހީގެ އަމަލީ މަސައްކަތް އަންނަ މަހު ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ފުރަތަމަ ދެ ފިޔަވަހީގެ ދަށުން މިހާތަނަށް 10,707 އަކަމީޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކައި، 1,060 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ވަނީ ނިންމާލައިފައެވެ. މި މަސައްކަތްތަކަށް ޖުމްލަ 220.3 މިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ.
މީގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ އެތެރޭގެ މަގުތަކާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްވެސް، މި އަހަރު ނިމުމުގެ ކުރިން ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
މުޅި މަޝްރޫއު ނިމުމުން، މާލެ ވަށައިގެންވާ މަގު ހަތަރު ލޭނަށް ފުޅާވެ، މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ވަކިން ހާއްސަކޮށް، ލޯންޗުފަހަރަށް ހާއްސަ ޖެޓީތައް ގާއިމުކުރެވުމުން، މިހާރު އެއް ލޯންޗުން އަނެއް ލޯންޗަށް ބަދަލުވެގެން ދަތުރުކުރަން ޖެހޭ ޖެހުމަށް ނިމުމެއް އަންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ކޮމެންޓު ފޮނުވާ