ރާއްޖޭގެ ތަރައްގީގައި އިނގިރޭސީންގެ ދައުރު ބޮޑު: ރައީސް

ރާއްޖޭގެ ތަރައްގީގައި އިނގިރޭސީންގެ ދައުރު ބޮޑު: ރައީސް

Author
ޙަސަން މުޙައްމަދު
20 ޖުލައި 2026 10:26
0

ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގައި އިނގިރޭސިވިލާތުން އަދާކުރައްވާފައިވާ ދައުރު ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު އެންޑީ ބާންހަމް މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި އެވެ.

ރައީސްގެ ސިޓީފުޅުގައި ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ތަރައްގީއަށް އިނގިރޭސިވިލާތުން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައި ވެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ތާރީހީ ގުޅުމަކީ ޑިމޮކްރެޓިކް އުސޫލުތަކާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތްކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް އެ ސިޓީފުޅުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންނަށް ފައިދާ ހުރި ދާއިރާތަކުން އިތުރަށް ގުޅިގެން މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި، ބޮޑުވަޒީރު ބާންހަމާ ބައްދަލުކުރެއްވުމަށް އުންމީދުކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ސިޓީފުޅު ނިންމަވާލައްވަމުން، ބޮޑުވަޒީރު ބާންހަމަށާއި އިނގިރޭސި ރައްޔިތުންނަށް ކުރިއެރުމާއި ދުޅަހެޔޮކަން ލިބުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

އުމުރުފުޅުން 56 އަހަރުގެ ބާންހަމް އަކީ ގްރޭޓާ މެންޗެސްޓާގެ ކުރީގެ މޭޔަރެވެ. "ކިންގް އޮފް ދަ ނޯތު"ގެ ލަގަބު ލިބިވަޑައިގެންފައިވާ ބާންހަމް ވަނީ 2001 ން 2017 އަށް އިނގިރޭސި ގާނޫނުހަދާ މަޖިލީހުގެ މެންބަރުކަން ކުރައްވައި، ކުރީގެ ބޮޑުވަޒީރުން ކަމަށްވާ ޓޯނީ ބްލެއާ އަދި ގޯޑަން ބްރައުންގެ ސަރުކާރުތަކުގައި ވަޒީރުކަންވެސް ކުރައްވައިފަ އެވެ. 2016 ވަނަ އަހަރުގެ ފަހުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާ ހަތްވަނަ ބޭފުޅަކީ ބާންހަމް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.