ނެތެމުންދާ އިޙްތިރާމުގެ އާދަ އިޢާދަކުރުމަށް ޤައުމީ މަޝްރޫޢެއް، ޚިޔާލު ހޯދުން ފަށައިފި

ނެތެމުންދާ އިޙްތިރާމުގެ އާދަ އިޢާދަކުރުމަށް ޤައުމީ މަޝްރޫޢެއް، ޚިޔާލު ހޯދުން ފަށައިފި

Author
އަހުމަދު
20 ޖުލައި 2026 11:47
0

ދިވެހި މުޖުތަމަޢުން ނެތެމުންދާ އިޙްތިރާމް އަދާކުރުމުގެ ރިވެތި އާދަ އަލުން އިޢާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ފައްޓަވާ ޤައުމީ މަޝްރޫޢަށް ޚިޔާލު ހޯދުމުގެ ބައްދަލުވުން ފަށައިފިއެވެ.

ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީހުން އިންތިޒާމުކޮށްގެން އެ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ބައްދަލުވުން ފައްޓަވައިދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދެވެ. ބައްދަލުވުން ފައްޓަވައިދެއްވަމުން ވަޒީރު ވިދާޅުވީ މި މަޝްރޫޢު ކުރިއަށްގެންދާނީ މުޅި މުޖުތަމަޢުގެ ޚިޔާލާއި މަޝްވަރާގެ މައްޗަށް ބިނާކޮށްގެން ކަމަށާއި، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހިންގެ ކިބައިން ފަނޑުވަމުންދާ ރީތި އާދަތައް އަނބުރާ މުޖުތަމަޢުގައި އަށަގެންނެވުން ކަމަށެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމުކުރާ، މެހެމާންދާރީއަދާކުރާ އަދި އަދަބު އަޚްލާޤުން ފުރިހަމަ ބައެއްކަން ބޭރުގެ އެކި ފަރާތްތަކުގެ ލިޔުންތަކުން އެނގެން އޮތްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ފަހަކަށް އައިސް އެ ރިވެތި ސިފަތައް މުޖުތަމަޢުން ގެއްލެމުންދާކަން ހިތާމައާއެކު ޤަބޫލުކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ދިވެހިންގެ އިޙްތިރާމް އަދާކުރުމާއި މެހެމާންދާރީއާއި އަދަބު އަޚްލާގާއި މިފަދަ ސުލޫކީ ރަނގަޅު އެތައް ވާހަކަތަކެއް ދިވެހިންނާ ބެހޭގޮތުން ލިޔެވިފައި އެބަހުރި. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާނެ ހަގީގަތަކީ އަޅުގަނޑުމެންގެ މުޖުތަމަޢުން މިއަދު މިފަދަ ރީތި މުހިންމު ސިފަތައް ގެއްލެމުންދާކަން،" ވަޒީރު ވިދާޅުވިއެވެ. އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމުކުރާ، ޤަދަރުކުރާ މުޖުތަމަޢެއްގެ ގޮތުގައި ދިވެހި މުޖުތަމަޢު ބައްޓަންކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދިޔުމުގައި ރާއްޖޭގެ ކްލަބްތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި ސިޔާސީ ޕާޓީތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ވަނީ ނިންމާފައެވެ. ހަމައެއާއެކު، ދާއިރާތަކުން ޚިދުމަތްކުރައްވާފައިވާ އިސްރަށްވެހިންގެ އެއްބާރުލެއްވުމާއި ތަޖުރިބާ ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ މިއަދުގެ ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ދިވެހިންގެ އައިޑެންޓިޓީ ގެއްލުމުގެ ބިރުވެރި ހިސާބަކަށް ގޮސްފައި އޮތްކަމުގައެވެ. ނަމަވެސް ޤައުމިއްޔަތާއި ދިވެހި ބަހަށް އިސްކަންދީގެން މުހިއްމު މަސައްކަތްތަކެއް މިސަރުކާރުން ފަށާފައިވާކަމަށާއި، ރާއްޖޭގެ ތާރީޚު ދިރާސާކޮށް ސަޤާފީ ކަންކަން އާލާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.