އިނގިރޭސި އާ ބޮޑުވަޒީރަކަށް ބާންހަމް، ޑިޖިޓަލް އައިޑީ ސްކީމް ހުއްޓާލަނީ

އިނގިރޭސި އާ ބޮޑުވަޒީރަކަށް ބާންހަމް، ޑިޖިޓަލް އައިޑީ ސްކީމް ހުއްޓާލަނީ

Author
އަހުމަދު
19 ޖުލައި 2026 10:04
0

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރުގެ ގޮތުގައި އެންޑީ ބާންހަމް މާދަމާ ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަންނަވާއިރު، އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ޑިޖިޓަލް އައިޑީ ސްކީމް ހުއްޓާލައްވާނެ ކަމަށް އޭނާގެ ޓީމުން ބުނެފި އެވެ.

ވެރިކަން ކުރާ ލޭބާ ޕާޓީގެ އާ ލީޑަރަކަށް ބާންހަމް ހަމަޖައްސާފައި ވަނީ، މިހާރު ބޮޑުވަޒީރުކަމުގައި ހުންނެވި ކިއާ ސްޓާމާ އިސްތިއުފާ ހުށަހަޅުއްވައި މާދަމާގެ ވަގުތެއްގައި ރަސްމީކޮށް މަގާމުން ވަކިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހުމާ ގުޅިގެންނެވެ. އެއާއެކު ޕާޓީގެ ލީޑަރުކަމުގެ ހައިސިއްޔަތުން ބޮޑުވަޒީރުކަން ބާންހަމް އަށް ލިބިވަޑައިގަންނަވާނެ އެވެ.

ބާންހަމްގެ ތަރުޖަމާން އިއްޔެ ވިދާޅުވި ގޮތުގައި، ސްޓާމާގެ ސަރުކާރުން ތައާރަފުކުރަން ރާވާފައި އޮތް ޑިޖިޓަލް އައިޑީ ސްކީމް އާ ބޮޑުވަޒީރު މަގާމާ ހަވާލުވެވަޑައިގަތުމާއެކު އެއްކޮށް ހުއްޓާލައްވާނެ އެވެ. އަދި އެ ޕްރޮޖެކްޓަށް ކަނޑައަޅާފައި އޮތް 1.8 ބިލިއަން ޕައުންޑް، ދެން ހަރަދު ކުރައްވާނީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރެއްވުމުގެ ކަންކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ ގިނަ ރައްޔިތުންނަކީ އައިޑީ ކާޑު ތައާރަފު ކުރުމާ ދެކޮޅު ބައެކެވެ. ނަމަވެސް މާދަމާ މަގާމުން ވަކިވެވަޑައިގަންނަވާ ސްޓާމާ ވަނީ 2029 ވަނަ އަހަރާ ހަމައަށް އެ ސްކީމް ތައާރަފު ކުރެއްވުމަށް ނިންމަވައި، އެކަން އިއުލާން ވެސް ކުރައްވާފަ އެވެ. ބާންހަމް އެ ނިންމުން ބަދަލުކުރެއްވުމަކީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވެވަޑައިގަތުމުގެ ފުރަތަމަ އިޝާރާތެއް ކަމަށް ސިޔާސީ ފަރާތްތަކުން ދެކެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.