ބޮޑުތަކުރުފާނުމަގުގެ އާ ސަރަހައްދުގައި 500 ސައިކަލްގެ ޕާކިން ޖާގަ ގާއިމް ކުރެވޭނެ: ރައީސް

ބޮޑުތަކުރުފާނުމަގުގެ އާ ސަރަހައްދުގައި 500 ސައިކަލްގެ ޕާކިން ޖާގަ ގާއިމް ކުރެވޭނެ: ރައީސް

Author
އަހުމަދު
18 ޖުލައި 2026 02:00
0

ބޮޑުތަކުރުފާނުމަގުގެ އިއްޒުއްދީން ފާލަމުން ފެށިގެން ނަސަންދުރައާ ދެމެދު މިހާރު ތަރައްޤީކުރަމުންދާ ސަރަހައްދުގައި 500 ސައިކަލް ޕާކްކުރެވޭނެ ހާއްސަ ޖާގައެއް ޤާއިމުކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ދަ ޕަލްސް" ޕޮޑްކާސްޓުގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޮޑުތަކުރުފާނުމަގުގެ އެ ސަރަހައްދު ފުޅާކޮށް ތަރައްޤީކުރުމުގެ މަސައްކަތް ނިމުމުން، މިހާރު އެ ސަރަހައްދުގައި ދިމާވާ އެންމެ ބޮޑު ދެ މައްސަލައަށް، އެއީ ޕާކްކުރުމުގެ ދަތިކަމާއި މަގު ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ކުރިން މަގުގެ ދެފަރާތުގައި ޕާކްކުރުމުގެ ސަބަބުން މަގު ބާރުބޮޑުވަމުން އައި މައްސަލައަށް، މިހާރު ބޭރުން ހިއްކާފައިވާ ބައިގައި ޕާކްކުރުމަށް ޖާގަ ކަނޑައެޅުމުން، ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

"އިއްޒުއްދީން ފާލަމުން ނަސަންދުރައާ ހަމައަށް މިހާރު މި ބައި ނިމެނީ. ނިމުނީމަ ދެން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ. ދެން އެއާއެކީގަ އަޅުގަނޑުމެން މި ނިންމާ ބައިގަ ކުރީގަ ޕާކްކުރި ކުރުން، މި ބަދަލުކުރަނީ ބޭރުން ހިއްކި ބަޔަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ސަރަހައްދުގެ މަސައްކަތް ނިމުމާއެކު، ދެން މަސައްކަތް ފެށިގެންދާނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ދެމެދު އޮތް ސަރަހައްދުގައި ކަމަށާއި، އެއީ މިވަގުތު މަގުގެ ގާތައް އެންމެ ބޮޑަށް ހަލާކުވެފައި އޮތް ސަރަހައްދު ކަމަށެވެ. މާލެ ވަށައިގެންވާ މުޅި ބޮޑުތަކުރުފާނުމަގުގެ މަސައްކަތް ނިމުމުން، މާލޭގެ އެތެރޭގެ މަގުތަކުގެ ޓްރެފިކަށްވެސް ބޮޑު ލުޔެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލެ ވަށައިގެންވާ ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ތަރައްޤީކުރި ބާޒާރުމަތީ ސަރަހައްދު ވަނީ މިއަހަރުގެ ރޯދަމަހުގެ ކުރިން އާންމުކޮށް ހުޅުވާލައިފައެވެ. އެ ސަރަހައްދު ފުޅާކުރުމާއެކު ބާޒާރުމަތީ މަގު ތޮއްޖެހުމުގެ މައްސަލައަށްވެސް ވަނީ ބޮޑު ހައްލެއް ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.