އަލަށް ތަރައްގީކޮށް ނިންމައި، މިހަފުތާ ތެރޭ އާންމުންނަށް ހުޅުވާލަން ތައްޔާރުވަމުންދާ ބޮޑުތަކުރުފާނު މަގުގެ އާ ބައިގައި އެއްވެސް ވެހިކަލެއް ޕާކުނުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލެ-ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ފުޅާކޮށް ހަތަރު ލޭނަށް ބަދަލުކޮށްފައިވާ މި މަގުގެ އަރިމަތީގައި ކުރިން ޕާކުކުރި ފަދައިން ދެން ޕާކުކުރުމުގެ ފުރުސަތެއް ނުދޭނެ ކަމަށެވެ. މަގު ތަރައްގީކުރި އިރު ފަޅުން ބައެއް ހިއްކައި، އެއް ފަހަރާ 500 ސައިކަލު ޕާކުކުރެވޭ ސަރަހައްދެއް ކައިރީގައި ވަނީ ގާއިމުކޮށްފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އޭރަށް ވަރަށް ފަސޭހަވާނެ ދުއްވަން. އެ ތަނުގައި ޕާކުކޮށްލާފައި ދެން އޮފީހަށާއި އެ ދާ ސަރަހައްދަކަށް މަގު ބޭނުންކުރާ ފަރާތަކުން ހިނގާލާފައި ވަޑައިގެންނެވީމަ ވަރަށް ހިތްފަސޭހަވާނެ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މަގުގެ ދެ ފަރާތުގައި ގަސް ހައްދައި، ހިތްފަސޭހަ މަގަކަށް ބަދަލުކުރުމަކީވެސް ސަރުކާރުގެ ޕްލޭންގައި ހިމެނޭ ކަމެއް ކަމަށާއި، ނަމަވެސް މަގު ހުޅުވާލާއިރު އެ ގަސްތައް ފުރިހަމައަށް ބޮޑުވެފައި ނުހުންނާނެ ކަމަށާއި، އެއީ ދުވަސްތަކެއް ނަގާނެ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޮޑުތަކުރުފާނު މަގު ތާރުއަޅައިގެން ތަރައްގީކުރި އިރުވެސް، އެ މަގުގައި ޕާކުނުކުރެވޭ ގޮތަށް އޮތް ނަމަވެސް، މިއަދާ ހަމައަށްވެސް މަގުގެ ދެ ފަރާތުގައި ސައިކަލުތައް ޕާކުކޮށްފައި ހުންނަ ތަން ފެނެއެވެ.
މި ސަރުކާރުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އެމްޕީއެލް ސަރަހައްދުން އިއްޒުއްދީން ފާލަމާ ހަމައަށް ތަރައްގީކުރީ ވެހިކަލް ޕާކުނުކުރެވޭ ގޮތަށެވެ. އެހެންނަމަވެސް، އެ ސަރަހައްދުގައި އިތުރު ޕާކިން ޖާގައެއް ނެތުމުން، ވެހިކަލްތައް ދަނީ މަގުމަތީގައި ޕާކުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ