ޕެލޭގެ 1958 ފައިނަލް ޖޯޒީ ނީލަމުގައި 4.9 މިލިއަން ޑޮލަރަށް

ޕެލޭގެ 1958 ފައިނަލް ޖޯޒީ ނީލަމުގައި 4.9 މިލިއަން ޑޮލަރަށް

Author
އަހުމަދު
17 ޖުލައި 2026 10:03
0

ސްވިޑެންގައި 1958 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި ބްރެޒިލްގެ ލެޖެންޑް ޕެލޭ ބޭނުންކުރި ޖޯޒީ، ނިއުޔޯކްގައި ބޭއްވި ނީލަމެއްގައި 4.9 މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ.

މިއީ ފުޓްބޯޅަ ކުޅުންތެރިއަކު ބޭނުންކުރި ޖޯޒީއެއް މިހާތަނަށް ދެ ވަނަ އަށް އެންމެ އަގުބޮޑުކޮށް ވިކުނު ފަހަރެވެ. މި ރެކޯޑް މިހާރު ވެސް އޮތީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އިންގްލެންޑް ކޮޅަށް ޑިއޭގޯ މަރަޑޯނާ "އަތުން" ގޯލު ޖެހި މެޗުގައި އޭނާ ބޭނުންކުރި ޖޯޒީ އަތުގަ އެވެ. އެ ޖޯޒީ ވިކުނީ 9.3 މިލިއަން ޑޮލަރަށެވެ.

ނީލަން އިންތިޒާމްކުރި ފަރާތުން ބުނިގޮތުގައި، ޕެލޭގެ 10 ނަމްބަރު ޖޯޒީ ހޯދުމަށް ފަސް ފަރާތަކުން ޖުމުލަ 10 ބިޑް ހުށަހެޅި އެވެ. މިއީ ކުޅިވަރު ސްމަރިކާތަކުގެ ބާޒާރުގައި ޕެލޭގެ ނަމުގައި ހުރި މުދަލަށް ދޭ އަގު ދުވަހެއް ދުވަހަކަށް މައްޗަށް ދާކަން ދައްކުވައިދޭ ހެއްކެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ޕެލޭގެ ފުޓްބޯޅަ ކެރިއަރުގައި 1958 ވަނަ އަހަރުގެ ފައިނަލަކީ ވަރަށް ހާއްސަ މެޗެކެވެ. އުމުރުން އެންމެ 17 އަހަރުގައި އެ ފައިނަލްގައި ދެ ގޯލު ޖަހައި، ސްވިޑެން އަތުން 5-2 އިން ބްރެޒިލް މޮޅުކޮށްދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ. އަދި ވޯލްޑް ކަޕެއްގެ ފައިނަލެއްގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ވެސް އެ ދުވަހު ޕެލޭ ހޯދި އެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ޕެލޭ އަވަހާރަވީ 2022 ވަނަ އަހަރު، އުމުރުން 82 އަހަރުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.