މިއަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން "މިނިވަން ރަން"ގެ ނަމުގައި ޚާއްޞަ ދުވުމެއް ބޭއްވުމަށް، ވީ ރަން މޯލްޑިވްސްއާއި ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ވީ ރަން މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރ ހައްވާ ނީލާއެވެ. ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒުއެވެ.
ވީ ރަން މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ޒިނާން ވިދާޅުވީ، ވީ ރަން މޯލްޑިވްސްއަކީ އިޖުތިމާޢީ ކަންކަން ކުރިއެރުވުމުގެ މަޤުޞަދުގައި އުފައްދާފައިވާ ކުންފުންޏެއް ކަމަށާއި، މިއަހަރު ކުންފުނީގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށް ހަރަކާތްތައް ފުޅާކުރަން ފެށި ދަނޑިވަޅުގައި، މިނިވަން ދުވަހާ ގުޅުވައިގެން އިޖުތިމާޢީ ހަރަކާތެއް ބޭއްވުމުގެ ވިސްނުން ގެންގުޅުއްވި ކަމަށެވެ. އަދި ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުން މި ހަރަކާތް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ފަހިވެގެންދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޒިނާން ވިދާޅުވީ، ފުރަތަމަ ރޭވިފައި އޮތީ ރާއްޖޭގެ ފަސް ސިޓީއެއްގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް މިއަހަރު މާލޭގައި މި ހަރަކާތް ބޭއްވުމަށްފަހު، އަންނަ އަހަރު ރާއްޖޭގެ އެހެން ސިޓީތަކަށްވެސް މި ހަރަކާތް ފުޅާކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވީ ރަން އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީވެވޭނެއެވެ. މި އެޕްލިކޭޝަން ޕްލޭ ސްޓޯރާއި އެޕަލް ސްޓޯރުންވެސް މިހާރު ޑައުންލޯޑް ކުރެވޭނެއެވެ.
"ރަންގައި ބައިވެރިވާން ޖެހޭނީ ވީ ރަން އެޕުން. މިހާރު ޕްލޭ ސްޓޯރުންނާއި އެޕަލް ސްޓޯރުންވެސް ލިބެން ހުންނާނެ. އެޕް ޑައުންލޯޑްކޮށްލެއްވީމައި ވަރަށް ފަސޭހަވާނެ. އެއްވެސް ރެޖިސްޓްރޭޝަނެއް ނޯންނާނެ. އެޕަލް އެކައުންޓަކުން ނުވަތަ ގޫގަލް އެކައުންޓަކުން ސައިން ވެލެވޭނެ،" ޒިނާން ވިދާޅުވިއެވެ.
މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. 5 ކިލޯމީޓަރަށް ކުރިއަށްގެންދާ މި ދުވުމުގައި 2000 މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބޭނެ ކަމަށް ވީ ރަން މޯލްޑިވްސްއިން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ