ބޮޑުތަކުރުފާނުމަގުގެ ސަބް-ބޭސް އަދި އޭބީސީ ފަށަލައިގެ މަސައްކަތް އެއްކޮށް ނިންމާލައިފި

ބޮޑުތަކުރުފާނުމަގުގެ ސަބް-ބޭސް އަދި އޭބީސީ ފަށަލައިގެ މަސައްކަތް އެއްކޮށް ނިންމާލައިފި

Author
އަހުމަދު
14 ޖުލައި 2026 08:26
0

މާލޭގެ ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ސަބް-ބޭސް އަދި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތް 100 އިންސައްތަ ނިންމާލައިފި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ޖުމްލަ 5 ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް ހިމެނޭ ސެގްމެންޓު 4 އަދި 5 ގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. މި ދެ ސެގްމެންޓުގައި މިވަގުތު ކުރިއަށްދަނީ މަގުމަތީގައި ނިޝާން ކުރެހުމާއި، މަގު ބައްތި ހަރުކުރުމުގެ އިތުރުން ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތެވެ.

އެމްޓީސީސީން ބުނީ ސެގްމެންޓު 2 އަދި 3 ގެ ސަބް-ބޭސް އަދި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް މިރޭގެ ވަގުތެއްގައި ނިންމާލެވޭނެ ކަމަށެވެ. އަދި މި ދެ ސެގްމެންޓުގައި ތާރު އެޅުމުގެ މަސައްކަތް މި ހަފުތާ ތެރޭގައި ނިންމާލުމަށް އަމާޒު ހިފާފައިވާއިރު، މަގުގެ ބާކީ އޮތް ބައިގައި ތާރު އަޅައި އެއްކޮށް ނިންމާލުމަށް ތާވަލުކޮށްފައި ވަނީ މި މަހުގެ 15 ވަނަ ދުވަހަށެވެ.

މީގެ އިތުރުން، ޕާކިންގ ޒޯން ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، ސެގްމެންޓު 2 އަދި 3 ގެ ދުވާރުގައި ގާ އެޅުމާއި ކޭބަލް ޓްރެންޗް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިމުމުން، ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.